ދެހާސް އަށާވީހުގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވާ ކަމަށާއި ނަމަވެސް އެމަނިކުފާނާއެކު އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ފުރަތަަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްްޖެ އެވެ.

ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ސޯލިހުގެ ސިޔާސީ ކުރިމަގާ ގުޅޭ ގޮތުން އެމަނިކުފާނާ ވަނީ ސުވާލުކޮށްފަ އެވެ. އަދި ސިޔާސީ ޙަރަކާތްތަކުގެ ކުރީ ސަފުން ފެނިގެންދާނެތޯ ވެސް އެމަނިކުފާނާ ސުވާލުކުރި އެވެ.

ނަމަވެސް އެ ސުވާލަށް އެމަނިކުފާނު ސީދާ ވަކި ޖަވާބެއް ނުދެއްވައި ވިދާޅުވީ ކުރިން ވެސް އެމަނިކުފާނު ކުރެއްވި މަސައްކަތަކީ އަދި މިއަދުވެސް ކުރައްވަމުން ގެންދަވާ މަސައްކަތަކީ އެމްޑީޕީ ބައިބައިވިޔަ ނުދިނުމަށް ކުރަން ޖެހޭ މަސައްކަތް ކުރުން ކަމަށެވެ. އަދި މިހާރުވެސް ވީވަރަކުން އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އަދި އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން ވެސް އެމަނިކުފާނާ މަޝްވަރާ ކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ހަމަ އެހެންމެ އެމްޑީޕީގެ ކުރިމަގާ ގުޅޭ ގޮތުން ވެސް މި އިންޓަރވިއުގައި ޞާލިހު ވާހަކަފުޅު ދެއްކެވި އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުތަކާ ގުޅިގެން އިބްރާ އެކްސްގައި ވިދާޅުވީ ރައީސް ސޯލިހުގެ ސިޔާސީ ކުރިމަގާ މެދެ ސުވާލުކުރުމުން އެ ސުވާލަށް ޖަވާބެއް ނުދެއްވައި، ޕާޓީގެ ސިޔާސީ ކުރިމަގާމެދު ވާހަކަދެއްކުމުން އެނގެނީ 2028 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރުމުގެ ވިސްނުން އެމަނިކުފާނުގެ އޮތްކަން ކަމަށެވެ.

"ނޫންނަމަ ސާފުކޮށް ބުނަންވީ. އެމްޑީޕީން އިބޫ ގޮވައިގެން ތިކަމެއް ނުވާނެ. އެހެންގޮތެއް ހޯދާ." އިބްރާ ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ވެރިކަން ނިމުނު ފަހުން އެމްޑީޕީގެ ރައީސަކު ހޮވުމަށް ހުޅުވާލުމުން ރައީސް ސޯލިހު ކުރިމައްޗެއް ނުލައްވަ އެވެ. އެ މަގާމަށް ކުރިމަތިލެއްވީ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އެހެންވެ އޮޓަމެޓިކުން އެމްޑީޕީގެ ރައީސްއަކީ ޝާހިދު ކަމުގައި ވަނީ ހަމަޖެހިގެން ގޮސްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން