ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕް "އައިކަން އޮފް ދަ ސީސް" ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މި ހާދިސާ ހިނގާފައި ވަނީ ކްރޫޒް ދަތުރުވެރިންނާ އެކު ދަތުރުކުރަމުން ދަނިކޮށެވެ. ހާދިސާ ހިނގުމާއެކު ކްރޫޒް ވަނީ އެވަގުތު އެންމެ ކައިރީގައި އޮތް ބަނދަރަށް ކައިރިކޮށްފައެވެ.

އަލިފާނުގެ ހާދިސާ ހިނގުމާއެކު ކްރޫޒް ވަނީ މެކްސިކޯގެ ބަނދަރަކަށް ކައިރިކޮށްފައެވެ. ކްރޫޒް ގައި ހިނގީ ކުޑަ އަލިފާނުގެ ހާދިސާއެއް ކަމަށް ކްރޫޒްގެ އޮޕަރޭޓަރު ރޯޔަލް ކެރިބިއަންގެ ތަރުޖަމާނު ސީއެންއެން ޓްރެވަލް އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ކްރޫޒް ލައިނުން ބުނާގޮތުގައި މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އަދި އަވަހަށް އަލިފާން ކޮންޓްރޯލް ކުރެވުމުން ބޯޓަށް ލިބުނު ގެއްލުންވެސް ކުޑަ ކުރެވިފައިވާ ކަމަށް ބުނެފައި ވެއެވެ.

ދުނިޔޭގެ ރެކޯޑް މުގުރާލި އައިކޮން އޮފް ދަ ސީސް އަކީ ގާތްގަނޑަކަށް 1،200 ފޫޓު ދިގު އަދި 250،800 ގްރޮސް ޓަނުގެ ބޯޓެކެވެ. އަލިފާނުގެ ހާދިސާ ހިނގުމުން ބޯޓު ބަނދަރުކޮށްފައި ވަނީ މެކްސިކޯގެ ކޮސްޓާ މާޔާގަ އެވެ. އެ ހާދިސާގައި ކުޑައިރުކޮޅަކަށް ކްރޫޒް އިން ކަރަންޓް ކެނޑުނު ކަމަށާއި ނަމަވެސް ބެކްއަޕް ޕަވަރ ވަގުތުން އެކްޓިވޭޓް ކުރެވުނު ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

ރޯޔަލް ކެރިބިއަންގެ ތަރުޖަމާނު ވަނީ ކްރޫޒްގެ ފަޅުވެރިން އަލިފާންގަނޑު ކޮންޓްރޯލް ކުރިކަން ކަށަވަރުކޮށްދީ، ހުރިހާ ފަޅުވެރިންނަކީ ވެސް މިފަދަ ހާލަތްތަކުގައި ކަންތައް ކުރުމަށް ތަމްރީނު ކުރެވިފައިވާ ބައެއް ކަމަށް ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން