ހުޅުމާލޭގައި ގްރޫޕަކުން މީހަކަށް އަނިޔާކުރާ ވީޑިއޯއެއް މީސްމީޑިޔާގައި އާންމުވެއްޖެއެވެ.

މި ވީޑިއޯގައި ފެނިގެންދާގޮތުން މި ހާދިސާ ހިންގާފައި ވަނީ ހުޅުމާލޭ ހިޔާ ފްލެޓްތެރޭގަ އެވެ.

ދައުރުވަމުންދާ މި ވީޑިއޯގައި ތިން މީހުން ހިމެނޭ ގުރޫޕަކުން ފިރިހެނަކަށް ވަރަށް ބޮޑަށް އަނިޔާކުރާ މަންޒަރު ފެނެއެވެ. އެގޮތުން އަނިޔާކުރަމުން ދިޔަ އެކަކު ވަނީ އެ މީހާއަށް އަނިޔާވާ ގޮތަށް ކަރުގައި އަތްއަޅުވައި ފައިން ވެސް ތަޅާފައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ތިން މީހުންގެ ގުރޫޕުން ކުރި މި އަނިޔާގައި އިސްކޮށް ހުރީ އެކެކެވެ. މި ގުރޫޕުގައި ހިމެނެނީ ކޮން އުމުރެއްގެ ބައެއް ކަމެއް އަދި ސާފެއް ނުވެއެވެ.

މި ހާދިސާ އާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ، ހިޔާ ފްލެޓްގެ ކޮރިޑޯއެއްގައި މީހަކަށް އަނިޔާ ކުރާ ވީޑިއޯ މި މަހުގެ 19 ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ވީޑިއޯއިން ފެންނަ ގުރޫޕުގެ އެކަކުވެސް އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. އަދި ވީޑިއޯއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާއި ހިއްސާ ކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން