ވަގަށް ނަގާފައިވާ އަގުބޮޑު ގަޑިއެއް ވިއްކި މީހަކު ދެ އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވާގޮތުން ވަގަށް ނަގާފައިވާ ގަޑީގެ އަގު 98،000ރ. އަށް އަރައެވެ. މި ގަޑި ވަގަށް ނަގާފައި ވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި މާލޭގެ އެޕާޓްމެންޓަކުންނެވެ.

ވަގަށް ނަގާފައިވާ މި ގަޑިއަކީ އޮމެގާ ބްރޭންޑްގެ ގަޑިއެކެވެ. ހުކުމުގައި ވާގޮތުން މި ގަޑި ވަގަށް ނަގައި ވިއްކާފައި ވަނީ އެންމެ 3000ރ އަށެވެ.

މި މައްސަލައިގައި ކޯޓުން ކުރި ހުކުމުގައި ވާގޮތުން ދައުލަތުން ކުރި ދައުވާ އަކީ އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއެވެ. މި ދައުވާ އުފުލާފައި ވަނީ މއ. ލެއްގި އަބްދުލްއައްފާރު އަބްދުލްއަފޫރުގެ މައްޗަށެވެ.

މި ދައުވާގައި ވާގޮތުން ވައްކަން ކުރި ގެއިން ގެއްލުނު ކޭޝް ކާޑަކުން 1،500ރ. ގެ ވިޔަފާރިކުރި މައްސަލާގައި އިތުރު ދެ މީހެއްގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ ކޮށްފަ އެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ ވަގަށް ނެގި ގަޑި އަބްދުލްއައްފާރު އެހެން މީހަކަށް ވިއްކާލިކަން ހެކިންގެ ބަހުން ސާބިތުވާ ކަމަށެވެ. އެހެންވެ، އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ ސާބިތުވާތީ ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށް އޭނާ ޖަލަށްލާން ހުކުމްކުރީ ކަމަށް ހުކުމުގައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން