މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ އެވެ.

މިއަދު ހެނދުނު އެއް މިލިއަން ވަނަ ފަތުރުވެރިޔާގެ ގޮތުގައި ރާއްޖެ އައިސްފައިވަނީ ތައިލެންޑްގެ ސުޓާޕާ އަމޯންވިވަތު 37، އެވެ.

އޭނާއަށް މިއަދު އެއާޕޯޓުން މަރުހަބާ ކީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ.

އޭނާއަށް އެ ޝަރަފު ލިބުނީ ރާއްޖެއަށް ދެވަނަ ފަހަރު ޒިޔާރާތްކޮށްގެން ނެވެ.

އާއިލާއާއެކު މިފަހަރު ރާއްޖެއައި ސުޓާޕާއަށް ވަނީ ސިޔާމް ވޯލްޑް ރިސޯޓުގައި ފަސް ދުވަސް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ވެސް ދީފަ އެވެ.

ނިމިގެން ދިޔަ އަހަރު 1.8 މިލިއަން ފަތުރުވެރިން ގެންނަން ސަރުކާރުން ކަނޑައެޅި އަމާޒަށް ވާސިލް ވެވުނު އިރު މި އަހަރު ސަރުކާރުން އަމާޒު ހިފައިފައި ވަނީ ދެ މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

މިނިސްޓަރު ފައިސަލް މި މަހު ވިދާޅުވެފައި ވަނީ އެ ޓާގެޓަށް މި އަހަރު ވާސިލު ވެވޭނެ ކަމަށާއި އަދި މިއަހަރު 2.1 ނޫނީ 2.2 މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން