ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި މަސައްކަތް ކުރާއިރު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލުކުރުމަށް އެދެފިއެވެ.

އެޗްޑީސީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ގޯތިތަކުގައި މަސައްކަތް ކުރަމުން ދާއިރު އެ ކޯޕަރޭޝަނުން ހަދާފައިވާ އުސޫލުތަކަށް އަމަލު ކުރަމުން ނުދާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އިމާރާތް ކުރުމާއި ގުޅޭ ހުއްދަތައް ނުނަގާ މަސައްކަތް ކުރާކަން ފާހަގަވެފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަންގެ ބަޔާނުގައި ވެއެވެ.

އިއުލާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ގޯއްޗެއްގައި އިމާރާތެއް ހަދަން ފެށުމުގެ ކުރިން އިމާރާތް ކުރާނެ ގޮތުގެ ކުރެހުމެއް އެޗްޑީސީއަށް ހުށައަޅާ ފާސްކުރަން ޖެހެއެވެ. އޭގެ އިތުރުން އިމާރާތްކުރުމާއި ގުޅޭ އެހެނިހެން ހުއްދަތައްވެސް އެޗްޑީސީން ނަގަންވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރުމުގެ އުސޫލުތައް އެ ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި ހޮޓްލައިން ނަންބަރު 1516 އަށް ގުޅުމުން މައުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް އިއުލާނުގައި ވެއެވެ.

އުސޫލުތަކާއި ހިލާފަށް ގޯތިތެރޭގައި މަސައްކަތް ކުރަމުން ދާނަމަ އެ ގޯތީގެ ވެރިފަރާތާއި މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން