ޖަލަށް މަސްތުވާތަކެއްޗާއި އެ ނޫންވެސް މަނާ ތަކެތި ވެއްދުމުގައި ބައިވެރިވި ކަރެކްޝަންސްގެ 18 އޮފިސަރެއްގެ އެކައުންޓަށް އެތައް މިލިއަން ރުފިޔާގެ ފައިސާ އެކިފަހަރުމަތިން ޖަމާކޮށްފައިވާކަން ހާމަވެއްޖެއެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ، ޖަލަށް މަނާތަކެތި ވެއްދުމުގައި ޖަލު އޮފިސަރުންގެ ބައިވެރިވުން އޮންނަކަމުގެ ތުހުމަތު ކުރެވޭތީ އެކަން ބެލުމަށް ހާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އެ ހޯދުންތަކުން ޖަލު އޮފިސަރުންގެ ބައިވެރިވުން މިކަމުގައި އޮންނަކަމުގެ ތުހުމަތުތަކެއް ކުރެވުމުން އިތުރަށް ތަހުގީގު ކުރުމުން އަހަރު ދުވަހުގެ ތެރޭގައި ހަތްދިހަ ތިންމިލިއަން ހަލައްކަ ރުފިޔާ އެކި އޮފިސަރުންގެ އެކައުންޓަށް ޖަމާވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އޭގެ ތެރެއިން އެއް އޮފިސަރުގެ އެކައުންޓަށް 18 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަން ހާމަވެފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ދާކަމަށާއި ބައެއް އޮފިސަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނޭކަމަށް ވެސް އިހުސާން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން