ދީނަށް ފުރައްސާރަކުރުމަކީ ސަަމާސާ ކަމެއް ނޫން ކަމަށާއި އެކަން ކުރާނަމަ އަވަހަށް ތައުބާ ވުމަށް މިއަދުގެ ހުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ހުތުބާގައި ބުނީ އިސްލާމް ދީނަކީ މެދުމިނުގެ ދީނެއް ކަމަށާއި އެކަމަކު ދީނާ ދުރު ބައެއް ފިކުރު، ދިވެހީންގެ ތެރޭގައި ވެސް ފެތުރެން ފަށައިފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ދީނީ ގޮތުން ހައްދު ފަހަނަޅައިދިއުން ފަދަ ކަންކަން ހިމެނޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ މުސްލިމުންގެ ތެރޭގައި ފެތުރެމުންދާ ނުރައްކާތެރި އެއް ފިކުރަކީ، ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރުމުގެ ފިކުރު ކަމަށެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން އެ ފިކުރުގެ އަހުލުވެރިންނާ މުސްލިމުންނާ ދެމެދު އޮންނަ ޝަރުޢީ ގުޅުންތައް ކެނޑޭނެ ކަމަށާއި އަދި ކައިވެނީގެ ގުޅުމާއި، ވާރުތަވުން ފަދަ ހުރިހައި ގުޅުންތަކެއް ވެސް ކެނޑޭނެ ކަމަށެވެ. އަދި އެފަދަ މީހަކު މަރުވެއްޖެ ނަމަ، ތިބޭނީ ނަރަކައިގައި ކަމުގައި ބުނެފައި ވެއެވެ.

އިސްލާމް ދީނަށާއި، ދީނީ ޢިލްމުވެރީންނަށް ފުރައްސާރަކުރުމާއި، ދީނީ ކަންކަމަށް ހަޖޫ ޖެހުމަކީ މިއަދު މަދުން ނަމަވެސް ފެންނަމުންދާ ބިރުވެރިކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެކަމަކު ދީނުގައި ޝަރުޢުކުރައްވައިފައިވާ ކަމަކަށް ހަޖޫޖަހައި، ފުރައްސާރަކުރުމީ ދީނުން ބޭރުވާ ކަމެއްކަން ހުތުބާގައި ހަނދާންކޮށްދީފައި ވެއެވެ.

"އިސްލާމް ދީނަށް ބަދުބަސް ބުނެ، އެ ދީނަށް ފުރައްސާރަކުރުމަކީ، ސަމާސާ ކަމެއް ނޫނެވެ. އެ ފަދަ ޢަމަލުތައް ކުރާ މީހުން، އެ ކަންކަން ދޫކޮށް، އަވަހަށް ތައުބާވާން ގޮވައިލަމެވެ! ﷲއީ ތައުބާ ޤަބޫލުކުރައްވާ އޯގާވަންތަ ރަސްކަލާނގެއެވެ." ހުތުބާގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން