ދިވެހިންގެ މުސްތަގުބަލަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަކީ ސިޔާސީ ލީޑަރުން އަޅަން ފަސްޖެހޭ ނިންމުންތަކެއް ކަަމަށް ފިޝަރީސް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ޚާއްސަ ފިޔަވަޅު ތަކެއް އެޅުއްވުމަށް ނިންމެވިކަން ރައީސް ޑރ. މުޢިއްޒު އިއުލާން ކުރެއްވުމާއި ގުޅިގެންނެވެެ.

ރައީސްގެ އެ ނިންމެވުމާއި ގުޅިގެން ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ ‏ދިވެހިރާއްޖެ ވައްޓާލާފައިވާ ފުން އިޤްތިޞާދީ އަނދަވަޅުން ސަލާމަތްކޮށް ދިވެހީންގެ މުސްތަޤުބަލަށްޓަކައި ރައީސް މުޢިއްޒު ނިންމަވާ ނިންމެވުންތަކަކީ "ސިޔާސީ ލީޑަރުން ފަސްޖެހޭ ނިންމެވުންތަކެއް" ކަމަށެވެ.

"ސިޔާސީ ވިސްނުންފުޅަށްވުރެ ޤައުމީ ވިސްނުންފުޅު އިސްކުރައްވާކަމީ ރައްޔިތުންނަށް އޮތް އެންމެބޮޑު އުންމީދު." ރައީސް މުޢިއްޒަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ޝިޔާމް އެކްސްގައި ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމުގެ މާލީ ހާލަތާއި އިގްތިޞާދު މިހާރު އޮތް ގޮތުން ސިޔާސީ މަގާމުތައް މަދުކުރުމަށާއި، ކުރިއަށް އޮތް މިނިވަން ދުވަހުގެ ހަރަކާތްތައް ނުބާއްވަން ނިންމަވައިފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފައިވާ ކަމަށެވެ.

އެގޮތުން، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އޭގެ ތެރޭގައި، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އޭގެ އިތުރުން ވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އަޅާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން