ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފިޔަވަޅުތައް އަޅުއްވަނީ ރައްޔިތުންނަށް މާ ބޮޑު ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް ކަމަށް ވެރިކަން ކުރާ މައިޕާޓީ، ޕީއެންސީން ބުނެފިއެވެ.

ހަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅުއްވަން ރައީސް ނިންމެވިކަން ހާމަކުރުމާއި ގުޅިގެން ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ސަރުކާރުން ރާއްޖެ ވައްޓާލާފައިވާ އިޤުތިޞާދީ އަނދަވަޅުން ނަގައި ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާކުރުމުގެ މުޙިންމު ފިޔަވަޅުތަކެއް ރައީސް އަޅުއްވަން ނިންމަވާ އެކަން އިޢުލާނު ކުރެއްވިކަމަށްޓަކައި އިޚުލާސްތެރިކަމާއެކު މަރުޙަބާ ދަންނަވައި ޝުކުރު އަދާކުރާ ކަމަށެވެ.

އެގޮތުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް އެކޯލިޝަންގެ ބަޔާނުގައިވެއެވެ. ޕީއެންސީން ބުނީ ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމުގެ ގޮތުން ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަފުލާތަކަށް ކުރާ ޚަރަދުތައް މަދު ކުރެއްވުން ފަދަ ކަންކަން ހިމެނޭ ކަމަށާއި އެނޫން އިތުރު ފިޔަވަޅުތަަށް އަޅުއްވާނެ ކަމަށް ރައީސް ހާމަކުރައްވާފައިވާ ކަމަށެެެވެ.

ޕީއެންސީއާ އެކީ އެމްއެންޕީ އާއި އެންޑީއޭ ހިމެނޭ ކޯލިޝަންގެ ބަޔާނުގައި ބުނިގޮތުގައި ރައްޔިތުންނަށް މާ ބޮޑު ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް މާލީ ނިޒާމް ހަރުދަނާ ކުރުމަށް ވިސްނައި އަޅަން ނިންމެވި ފިޔަވަޅުތަކަކީ ސިޔާސީ މަންފާއަށް ވުރެ ބޮޑަށް، ޤައުމީ ވިސްނުމަކުން ވިސްނައި އަޅަން ނިންމި ފިޔަވަޅުތަކެއް ކަމަށެވެ. އަދި އެކަމުގައި ރައީސާއެކު ކޯލިޝަނުން ސާބިތުވެ ދެމިތިބޭނެ ކަމުގެ ޔަގީންކަން އެ ކޯލިޝަނުން ވަނީ އަރުވާފައެވެ.

ރައީސް މުޢިއްޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމުގެ މާލީ ހާލަތާއި އިގްތިޞާދު މިހާރު އޮތް ގޮތުން ސިޔާސީ މަގާމުތައް މަދުކުރުމަށާއި، ކުރިއަށް އޮތް މިނިވަން ދުވަހުގެ ހަރަކާތްތައް ނުބާއްވަން ނިންމަވައިފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފައިވާ ކަމަށެވެ. އޭގެ އިތުރުން ވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އަޅާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން