1029 ބައިވެރިންނާއެކު ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މިއަހަރުގެ މުބާރާތުގައި 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރާނެކަމަށެވެ. މީގެތެރޭގައި 52 ސިޓީ ސްކޫލުން 365 ބައިވެރިންނާއި އަތޮޅު ކައުންސިލުން 357 ބައިވެރިންނާއި އެހެނިހެން މުއައްސަސާތަކުން 292 ބައިވެރިންނާއި ހާފިޒުންގެ ބައިގައި ވާދަކުރާ 15 ބައިވެރިން ހިމެނެއެވެ. މިއަހަރުގެ މުބާރާތް ހުޅުވާލައިފައިވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި ޤުރްއާން ކުލާސްތަކުގެ އިތުރުން ހާފިޒުންނަށް ބައިވެރިވެވޭ ގޮތަށެވެ.

މިއަހަރުގެ މުބާރާތުގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ ދެ ހޯލްގައެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައެވެ. ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕޮސް ހޯލްގައެވެ. މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 12:00 އަށް، ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 10:30 އަށް މުބާރާތުގެ ކިޔެވުން ކުރިއަށްދާނެއެވެ. ހުކުރު ދުވަސްތަކުގައި ކިޔެވުން ކުރިއަށްދާނީ ހަވީރާއި ރޭގަނޑެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ މުބާރާތް ބާއްވަނީ މުޅި މުބާރާތުގެ ކަންކަން އަލުން މުރާޖަޢާކޮށް ގެނެވެން ހުރި ހެޔޮބަދަލުތައް ގެނައުމަށްފަހުއެވެ. އެގޮތުން ރަށްރަށުން އަންނަ ދަރިވަރުން މާލޭގައި ގިނަދުވަހު ނުތިބެ ކިޔެވުން އަވަހަށް ނިންމާލެވޭނެ ގޮތަށް ކިޔެވުން ތާވަލް ކުރެވިފައިވާނެއެވެ. އަދި މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށް ދެވޭ އިނާމާއި ހަނދާނީ ފިލާއާއި އައްޑަނައަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް އިސްލާމީ، ދިވެހި ވަންތަ އަމިއްލަ ފަރުމާތަކަށް ބަދަލު ކުރެވިފައެވެ.

މީގެ އިތުރުން މުބާރާތުގެ ބައިވެރިންނަށް ފަސޭހަ ކުރުމުގެ ގޮތުން މުބާރާތާއި ގުޅޭ ލުއި ފޮތެއް ތައްޔާރުކޮށް އެ ފޮތުގެ ޒަރިއްޔާއިން ބައިވެރިންނަށް މުހިއްމު ޤަވާއިދުތަކާއި މުބާރާތް ކުރިއަށްދާ ގޮތުގެ ތަފްސީލް ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި، ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމާއި ދަރިވަރުންގެ މެދުގައި ބިނާކުރަނިވި ވާދަވެރިކަން އުފެއްދުމާއި، ޤާރީންނާއި ޙާފިޒުން އުފެއްދުމަށް ބާރުއެޅުމާއި ހިތްވަރު ދިނުމާއެކު ކީރިތި ޤުރްއާނަށާއި މާތް ނަބިއްޔާގެ ސުންނަތަށާއި މާތް ވެގެންވާ އިސްލާމްދީނަށް ލޯބިކުރާ ހެޔޮލަފާ ޖީލެއް ބިނާ ކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ މުބާރާތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން