މާލޭގެ ގެސްޓު ހައުސްއެއްގައި ނޭޕާލް ފިރިހެނަކު ރަހީނު ކުރުމުގައި އުޅުނު އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އެއީ މުޅިން ވެސް ބަނގުލަދޭޝް މީހުން ނެވެ.

އެ ދެ މީހުންގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން ޖަހާފައިވާ އިރު އިއްޔެ ވަނީ އެ މައްސަލައިގައި ޝާމިލުވާ ޝަމީމް މިއާގެ ބަންދުގެ މުއްދަތު ހަމަވާތީ އަލުން މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ނިންމީ ޝަމީމް މިއާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށެވެ. އެއީ ޝަމީމް މިއާއަށް ތުހުމަތު ކުރާ މައްސަލައިގައި ހުށަހަޅާފައިވާ ހެކިންގެ ބަޔާންތަކާއި ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓްތަކުންނާއި ތަހުގީގުކުރާ ފަރާތްތަކުން ކިޔައިދީފައިވާ ކަންކަމުން ޝަމީމް މިއާ އެހެން ފަރާތަކާ ބައިވެރިވެގެން މީހަކު ރަހީނުކުރި ކަމަށް ފެންނަ ކަމަށާއި އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކާ ވާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި އަމުރުކޮށްފައި ވަނީ ޝަމީމް މިއާ ޝަރީއަތް ނިމެންދެން ރިމާންޑަ ޖަލެއްގައި ބަންދުކުރުމަށެވެ.

"ބާ ޓެންޑާ" އެއްގެ ވަޒީފާ އަދާ ކުރުމަށް ރާއްޖެ އައި ޝަމީމް މިއާ ރާއްޖޭގައި އުޅެމުން ދިޔައީ ގަވައިދާ ހިލާފަށް ގެސްޓު ހައުސްއެއްގައި ކަމަށް ވެސް ބުނެފައި ވެއެވެ.

ނޭޕާލް މީހާ ރަހީނުކޮށްގެން އުޅުނީ ފައިސާގެ މައްސަލައެއްގައި ކަމަށް ވަނީ އެނގިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން