މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ނިޔާވެއްޖެ އެވެ.

ކަރެކްޝަނުން ބުނީ މިއަދު މަރުވީ ށ. ފުނަދޫ ޒަމާނީ ވިލާ މުހައްމަދު ޖަމީލް (45 އަހަރު) ކަމަށެވެ.

މުޙައްމަދު ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރު ދިން ކަމަށާއި ނަމަވެސް އޭނާއަށް އެއްވެސް ބަދަލެއް ނައުމާ ގުޅިގެން، 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފެށި ކަމަށް ކަރެކްޝަނުން ބުނެއެވެ.

އޭނާ ހިތް ހުއްޓިގެން މަރުވި ކަމަށް ޑޮކްޓަރުން ކަނޑައެޅީ 12:45 ގައި ކަމަށް ކަރެކްޝަނުން ބުނެއެވެ.

ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މި މީހާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެކެވެ.

އޭނާ މީގެ ކުރިން ވަނީ އެންވަޔަރަމަންޓްގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ވަޅިން ހަމަލާ ދީފަ އެވެ. އަދި ސަލްމާން މިސްކިތުގައި ހުކުރު ކުރަމުންދަނިކޮށް މިންބަރަށް އަރައި އަޑުގަދަކޮށްވެސް ހެދި މީހެކެވެ.

"މުޙައްމަދު ޖަމީލް ނިޔާވުމާ ގުޅިގެން މިސަރވިސްއިން ވަނީ ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ." ކަރެކްޝަންސްއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން