މިފްކޯގެ މައި ޕްރޮޑަކްޝަން ހަބު ކަމުގައިވާ ޅ. ފެލިވަރުގެ އެކްސްޕެންޝަން ޕްރޮޖެކްޓުގެ ސްކޯޕުގައި ހިމެނޭ ކޭނަރީގެ ޑިޒައިނިންގ މަސައްކަތް ފަށައިފިއެވެ.

ޗައިނާ ކޮންޓްރެކްޓްރަކާއި، ސަރުކާރާއި ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ފެށި މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ފެލިވަރުގެ ރީޖަނަލް މެނޭޖަރ މިޝާލް އަހުމަދު ވިދާޅުވީ، މިވަގުތު މިފްކޯގައި ހުރި ކޭނަރީއަކީ 40 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކޭނަރީއެއް ކަމަށެވެ. އަދި އަލަށް ގާއިމްކުރާ ކޭނަރީގެ ސަބަބުން ފެލިވަރުގެ އޮޕަރޭޝަންގެ އެފިޝެންސީގެ އިތުރުން ޕްރޮޑަކްޝަން ކެޕޭސިޓީ ބޮޑު ތަނުން އިތުރުވެގެން ދާނެ ކަމުގައެވެ.

އެގޮތުން ރާއްޖޭގައި ބާނާ ކަޅުބިލަމަހާއި ކަންނެލީގެ އިތުރުން މަހުގެ އުފެއްދުންތައް އިތުރުވެގެންދާނެކަން މިޝާލް ފާހަގަކުރެއްވިއެވެ.

"މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެމުން އައި ކަމެއް. ސަރުކާރުން މި މަޝްރޫއު އަވަސްކޮށް ކުރިއަށް ގެންދިއުމަށް ނިންމި ނިންމުން އަޅުގަނޑު ފާހަގަކުރަން." މިޝާލް ވިދާޅުވިއެވެ.

ކޭނަރީގެ މަސައްކަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިފްކޯގެ އިންޖިނިއަރިން ކޮންސަލްޓެންޓް އަހުމަދު އަބްދުﷲ ވިދާޅުވީ، މިހާރު ހުރި ކޭނަރީއަކީ 1976 ވަނަ އަހަރު ގާއިމްކޮށްފައިވާ، އެ ދުވަަސްވަރަށް އެންމެ އެކަށީގެންވާ، ވަރަށް ޒަމާންވީ ފެސިލިޓީއެއް ކަމަށެވެ. އެކަމަކު ކުރިއަރަމުންދާ ޓެކްނޮލޮޖީއާއިއެކު އަލަށް ގާއިމްކުރާ ކޭނަރީއަކީ ފުލް އޮޓޮމެޓިކް ފެސިލިޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މަސްދަޅު ބަންދުކުރުމާއި، ލޭބަލް ޖެހުމާއި، ޕެކިންގެ އިތުރުން ގުދަން ކުރުމުގެ މަސައްކަތް ހިނގާނީ މެޝިނަރީތަކުގެ ޒަރީއާއިން ކަމަށް އަހުމަދު ވިދާޅުވި އެވެ.

"މިތަން ވެގެންދާނީ ދެކުނު އޭޝިއާ ސަރަހައްދުގެ ސްޓޭޓް އޮފް ދި އާޓް ކޭނަރީއަކަށް" އަހުމަދު ވިދާޅުވިއެވެ.



ފެލިވަރުގައި ގާއިމްކުރާ ކޭނަރީއަކީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން 40 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.

މިފްކޯގެ އަމާޒަކީ، މި މަޝްރޫއު 2026 ގެ ނިޔަލަށް އެއްކޮށް ނިންމުމެވެ.

ފެލިވަރު އެކްސްޕެންޝަން ޕްރޮޖެކްޓުގެ ސްކޯޕުގެ ތެރޭގައި ހިމެނޭ ކޭނަރީގެ އިތުރުން އިންޑިއާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ކޯލްޑް ސްޓޯރޭޖް މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓް ޑިޕާޓްމެންޓުގެ މެނޭޖަރ މުހައްމަދު ޝަމީމް ވިދާޅުވީ، ރާއްޖޭގެ އުތުރުގައި މަސްގަނެ، މަސް ފިނިކޮށްގެން ރައްކާކުރެވޭނެ ނިޒާމެއް ސަރުކާރުން ނުވަތަ އަމިއްލަ ފަރާތަކުން އަދި މިހާތަނަށް ގާއިމްކޮށްފައި ނެތް ކަމުގައިވިޔަސް، އެ މަޝްރޫއުގެ ސަބަބުން އުތުރުގެ މަސްވެރިންނަށް ފަސޭހަކަމާއެކު ސީދާ ފެލިވަރަށް މަސް ކިރޭނެ ކަމަށެވެ.

އެއީ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއްކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ، ކޯލްޑް ސްޓޯރޭޖާއިއެކު، 200 ޓަނުގެ ބްރައިން ފްރީޒިން އާއި 80 ޓަނުގެ އާރު.އެސް.ޑަބްލިއު ސިސްޓަމެއް ގާއިމްކުރެވޭނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ސަބަބުން ފެލިވަރަށް ދުވާލެއްގެ މައްޗަށް 280 ޓަނުގެ މަސް އިތުރަށް ކިރޭނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި ޕްރޮޖެކްޓް ނިމޭއިރު، މަސްވެރިން ބާނާ މަސް ދުވަހުން ދުވަހަށް ކިރޭނެ ކަމުގެ ޔަގީންކަން މަސްވެރިންނަށް ލިބިގެން ދާނެ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވިގޮތުގައި ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމުގެ ސަބަބުން އުތުރުގެ މަސްވެރިން ކޫއްޑޫއަށް މަސްކިރަން ދިއުމަށް ކުރާ ދިގު ދަތުރުތައް ނިމުމަކަށް އަންނާނެއެވެ. އަދި އުތުރުގެ މަސްވެރިން ތެލަށް ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަން ޝަމީމް ފާހަގަކުރެއްވިއެވެ.



ސަރުކާރުން 22 މިލިއަން ޑޮލަރު ހަރަދުކުރުމަށް ނިންމާފައިވާ ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް ޕްރޮޖެކްޓަކީވެސް، އެސައިޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ.

އެގޮތުން އެ ޕްރޮޖެކްޓަކީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އިންޑިއާގެ ކުންފުންޏެއް ކަމުގައިވާ ރައިނެކް އިންޑިއާ ލިމިޓެޑާއި ހަވާލުކުރި މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަރަދުކޮށްގެން ހިންގަން ނިންމި މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން