ދައުލަތް ދަރަނިވެރިވެފައި މިއޮތީ ކުރާ މަސައްކަތާ ނުބައްދަލު ހަރަދުކުރުމަށް ރައްޔިތުންގެ ޑިމާންޑް ބޮޑުވެގެން ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް، އިބުރާ ވިދާޅުވެއްޖެއެވެެ.

ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން، ރައްޔިތުންގެ ޒިންމާއެއްވެސް އޮތްކަން ފާހަގަ ކުރަށްވައި އިބުރާ ވިދާޅުވީ ދައުލަތް ދަރަނިވެރިވެފައި މިއޮތީ ކުރާ މަސައްކަތާ ނުބައްދަލު ހަރަދުކުރުމަށް ރައްޔިތުންގެ ޑިމާންޑް ބޮޑުވެގެން ކަމަށެެވެ. އަދި ފްލެޓެއް ލިބެނިކޮށް ކޮންމެ މީހަކަށް ވެސް އެންމެ ރަނގަޅު ކަމަށާއި، އެކަމަކު އެ ފްލެޓްއަޅަން ދައުލަތުން ދަރަނި ނެގިވަރެއް، އެ ފައިސާ ޚަރަދުކުރިގޮތެއް ބަލަން އެއްވެސް މީހަކު ބޭނުންނުވާތާގައި އެކަން އެނގޭންވެސް ރައްޔިތުން ބޭނުން ނުވާކަމަށް އިބުރާ ވިދާޅުވިއެވެ.

ސަރުކާރުން ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާ ވާހަކައާއިއެކު ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ކުރީ ސަރުކާރުން ކަންކުރި ގޮތުގެ ވާހަކަ ދައްކާތީ އެކަމާ ގުޅުވައި އިބްރާ ވިދާޅުވީ "ކުރީ ސަރުކާރު، އޭގެ ކުރީ ސަރުކާރު، އޭގެވެސް ކުރީ ސަރުކާރު، މި ސަރުކާރު" ކިޔުމުގެ ބޭނުމެއްނެތް ކަމަށެވެ.

އިބްރާ ވިދާޅުވީ ހަމަ އެގޮތަށް ސިޔާސީ މަޤާމާ މުސާރަ ބޮޑުވެ، ގިނަވެގެން ނުރުހިގެން ވާހަކަދައްކާމީހާވެސް، މާދަމާވެސް އޭނާއަށް ވަޒީފާ ދީފިއްޔާ ބޭނުމެއްނޫނޭ ނުބުނާނެ ކަމަށެވެ.

"ދަސްކުރާށެވެ! މިދުނިޔެއަކު ހިލޭ ލިބޭ އެކައްޗެއްވެސް ނޯންނާނެއެވެ. މަރްޔަމްގެފާނަށް ކަދުރުކޮޅު ލިބިވަޑައިގަތީވެސް ރުށް ހަލުވާލެއްވީމައެވެ." އިބްރާ ފޭސްބުކްގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ، އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ފައިސާއަކީ ފަސްކޮށް، ލަސްކޮށް ހެދިދާނެ އެއްޗެއް ކަމަށާއި އެކަމަކު އެއީ ކޮންމެވެސް ދުވަހަކުން ދައްކާންޖެހޭނެ އެއްޗެއްކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން