ކަސްޓަމްސްގެ އިޖުރާއަތްތައް ފުރިހަމަނުކޮށް ސިއްރުން ރާއްޖެ އެތެރެކުރަން އުޅުނު 1.6 މިލިއަން ރުފިޔާގެ ސިނގިރޭޓް އަތުލައިގެންފައިވާކަމަށް ދިވެހި ކަސްޓަމުން ބުނެފިއެވެ.

ކަސްޓަމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއަށް ވަގަށް ސިނގިރޭޓުތަކެއް އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގެ ތަނެއް އަދި ބުދަ ދުވަހު މާލެއާއި ހުޅުމާލޭގެ ހަތަރު ތަނެއް ފުލުހުންނާއި އެމްއެންޑީއެފްގެ އެއްބާރުލުމާއެކު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

އޮޕަރޭޝަންގައި ޖުމުލަ 173 ކާޓަން ނުވަތަ 1.7 މިލިއަން ސިނގިރޭޓް އަތުލައިގެންފައިވާ ކަމަށާއި އެ ތަކެތީގެ ލަފާކުރެވޭ މާކެޓް އަގަކީ 1.6 މިލިއަން ދިވެހި ރުފިޔާ ކަމަށްވާއިރު، މި ތަކެތީގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ގާތްގަނޑަކަށް 5.6 މިލިއަން ރުފިޔާ ދައުލަތައް ދައްކަންޖެހޭ ކަމަށްވެސް ކަސްޓަމުން ވަނީ ބުނެފައެވެ.

ކަސްޓަމުން ބުނީ މި އޮޕަރޭޝަންގައި ފާހަގަކުރެވޭ ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ތަކެތި އެތެރެކޮށް ބޭރުކުރާ ފަރާތްތަކުގެ މައްސަލަތައް ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތަހުގީގުކޮށް ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން