އެމް.ޑީ.ޕީ ސަރުކާރުން ރަށްރަށުގައި ފެށި ބޮޑެތި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާ ކަމަށާއި، ގޯއްޗާއި ފްލެޓުގެ ހައްޤުވެރިންވެސް މަގުމަތިވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ދަރަންޏާ ބެހޭގޮތުން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން މައުރޫފް މިއަދު ވިދާޅުވީ، މި ސަރުކާރުގައި އިޤްތިސާދުގެ ސޯބު އެނބުރެނީ ނުވަތަށް ކަމަށެވެ. އަދި އެއީ އިޤްތިޞާދު މެނޭކުރަން ނޭންގުމުގެ ނަތީޖާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ އެމް.ޑީ.ޕީ ސަރުކާރުން ލޯނު ނަގާފައިވަނީ ޤައުމީ ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށް ކަމަށެވެ. ނަމަވެސް މިއަދު ރަށްރަށުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތައްވެސް ހުއްޓިފައިވާ ކަމަށާއި އާރްޓީއެލްގެ މަޝްރޫއުވެސް އޭރު ހުރި ހިސާބުގައި ހުއްޓިފައިވާ ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު އިޤްތިޞާދު ހަމައަކަށް އެޅުވުމުގެ ނަމުގައި ސަރުކާރުން ދަނީ ހާލަތާ ނުބައްދަލު ފިޔަވަޅުތައް އަޅަމުން ކަމަށް މަޢުރޫފް ތުހުމަތު ކުރެއްވިއެވެ.

މައުރޫފް މި މޭރުމުން ވިދާޅުވެފައިވާއިރު އެމް.ޑީ.ޕީ އިން އިއްޔެ ބުނެފައިވަނީ މި ސަރުކާރުން ހާލަތާ ނުބައްދަލު ޚަރަދު ކުރަމުންދާކަމަށާއި އެގޮތުން ސިޔާސީ މަޤާމުތަކުގެ މުސާރައަށް އެކަނިވެސް 700 މިލިއަން ރުފިޔާ ޚަރަދު ކުރަމުންދާ ކަމަށެވެ.

"ދައުލަތުގެ ދަރަންޏާ ބެހޭ ބިލް" ގެ ބަހުސް މަޖިލީހުގައި ފަށާފައިވާއިރު ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އަޅުވައި މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުޢިއްޒު މިހާރުވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން