މިދިޔަ 7 މަސްދުވަހު އެމްއެމްއޭގެ ގަވަރުނަރު ސަރުކާރަށް އެއްވެސް ލަފައެއް ނުދެއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސް ކުރަށްވަމުން މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރަށްވާ ނާޒިމް ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް މަޤާމުގެ ޒިންމާ އުފުއްލަވާ މަންޒަރު ނުފެންނަކަމަށެވެ.

އެގޮތުން ނާޒިމް މިއަދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ ކަންކަން ހަމައަކަށް އަޅުވަން ސަރުކާރަށްވެސް މަސައްކަތް ކުރެވޭނީ ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އެހެންނަމަވެސް މަނިޓަރީ ޕޮލިސީ ކޮންޓްރޯލް ކުރުމަކީ ސަރުކާރަށް ބާރު ފޯރުވޭނެ ޙާލަތެއް ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ދަޢުލަތުގެ މަނިޓަރީ ޕޮލިސީ ކަނޑައެޅުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވަނީ މަރުކަޒީ ބޭންކުގެ ގަވަރުނަރާއި ކަމަށާއި ނަމަވެސް އެ މަސްއޫލިއްޔަތު ގަވަރުނަރު އަދާކުރަށްވާ މަންޒަރު ނުފެންނަ ކަމަށެވެ.

ހަމައެއާއެކު ޤައުމުގެ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ގަވަރުނަރުގެ އެއްވެސް ލަފައެއް މަޖިލީހާއި ސަރުކާރަށް ލިބިފައިނެތުމަކީ ކަންބޮޑުވުމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

“މިވީ 7 މަސްދުވަހުގެ ތެރޭގައި ގަވަރުނަރުގެ ފަރާތުން ސަރުކާރަކަށް އެއްވެސް ކަހަލަ ލަފައެއް ލިބިފައެއް ނުވޭ. އަދި މި މަޖިލިހަކަށްވެސް ލިބިފައެއް ނުވޭ.” ނާޒިމް މިއަދު ވިދާޅުވިއެވެ.

ނާޒިމް މިމޭރުމުން ވިދާޅުވެފައި ވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަން އިއުލާން ކުރައްވައިފައެވެ.

އޭގެ އިތުރުން އިޤްތިޞާދު ހަމައަކަށް އެޅުވުމަށް ބޭނުންވާ މުހިއްމު ބިލްތަކެއް ސަރުކާރުން މިހާރުވަނީ މަޖިލީހަށް ހުށައަޅުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން