ސަމޯއާ އެގްރީމެންޓްގައި ރާއްޖޭން މިއަދު ސޮއި ކުރަނީ
ސަމޯއާ އެގްރީމެންޓްގައި ރާއްޖޭން މިއަދު ސޮއި ކުރަނީ
ދިވެހިރާއްޖެއިން، އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް) ގެ "ސަމޯއާ އެގްރީމަންޓް" ގައި މިއަދު ސޮއި ކޮށްފިއެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ އޯ.އޭ.ސީ.ޕީ.އެސް ގެ އޮފީހުގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކިންގްޑަމް އޮފް ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ގީލާ އަލީ އެވެ.

ހަމައެއާއެކު ރާއްޖޭންވަނީ މިއެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދިވެހިރާއްޖޭގެ ގާނޫނުއާސާސީއާ ފުށުއަރާ މާއްދާތަކަށް "ޑެކްލަރޭޝަން" އަދި "ރެޒަވޭޝަން" ހުށައަޅާފައެވެ.

"ސަމޯއާ އެގްރީމަންޓް" އަކީ ކުރިއަށް އޮތް ވިހި އަހަރަށް އީ.ޔޫ. – އޯ.އޭ.ސީ.ޕީ.އެސް. ގުޅުމުގެ މައިގަނޑު 6 ދާއިރާއަކަށް ބިނާވެފައިވާ ޤާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ.

މި މައިގަނޑު 6 ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީއެވެ.

މި އެގްރީމެންޓުގައި ބައިވެރިވެ، އޯ.އޭ.ސީ.ޕީ.އެސް. ގެ ފުރިހަމަ މެންބަރަކަށް ވުމުން ޔޫރަޕްގެ އިއްތިޙާދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުޞަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެއެވެ.

އެގޮތުން، ދިވެހިރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވުމަށް މަގުފަހިވުންވެސް މި ފަސޭހަތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން