މަންމައާއި ބައްޕައާއިއެކު ދަރިފުޅު ކުޅެނީ.
މަންމައާއި ބައްޕައާއިއެކު ދަރިފުޅު ކުޅެނީ.
މައިންބަފައިންނަކީ ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރާ މީހުންނެވެ. ދިރިއުޅުމުގެ މައިދާނަށް ދަރިން ނިކުންނައިރު ދަރިންނަށް ކޮންމެހެން އެނގެންޖެހޭ އެކިއެކި ހުނަރުތައްކެއް ވެއެވެ. މި ހުނަރުތައް ދަރިންގެ ގައިގައި އަށަގެނެވުމަކީ މައިންބަފައިންގެ ޒިންމާއެކެވެ.

މުޖުތަމައަށް ނިކުންނަ ކޮންމެ ކުއްޖަކީވެސް މީހުންނާ ރަނގަޅަށް މުހާތަބުކޮށް މުއާމަލާތު ކުރަން ދަންނަ ކުއްޖަކަށް ވުމަކީ ވަރަށް މުހިންމު ކަމެކެވެ. މީއީ ކޮންމެ މީހެއްގެ ގައިގައިވެސް ހުންނަންޖެހޭ ހުނަރެކެވެ. މުއާމަލާތު ކުރުމަކީ ހަމައެކަނި ވާހަކަ ދެއްކުމެއް ނޫނެވެ. އެއީ އެއަށްވުރެން ފުޅާ ކަމެކެވެ. އެގޮތުން އަނެކާގެ ވާހަކަތައް ރަނގަޅަށް އަޑުއަހައި، ކަންކަމާމެދު ވިސްނައި ފިކުރުކޮށް، ހިޔާލުތަކާއި ޖަޒުބާތުަތައް އަދަބުވެރިކަމާއެކީ ފާޅުކުރުމަކީވެސް މުއާމަލާތު ކުރުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ދަރިންނަށް ރަނގަޅަށް މުއާމަލާރުކުރަން ދަސްކޮށްދެވިފައިވާނަމަ، އެކުދިންނަށް މީހުންނާ ގުޅުން ބަދަހި ކުރަން ފަސޭހަވެގެން ދެއެވެ.

ކަންކަމާމެދު ފުންކޮށް ވިސްނައި މައްސަލަތައް ދިމާވުމުން އެ މައްސަލަތައް ހައްލުކުރުމުގެ ހުނަރަކީވެސް ކޮންމެ މީހެއްގެ ގައިގައި ހުންނަން ޖެހޭ ހުނަރެކެވެ. ކަންކަމާމެދު ފުންކޮށްވިސްނާނަމަ ދިރިއުޅުމުގައި ދިމާވާ އެކި ކަހަލަ ކަންތައްތަކާމެދު ތަފާތު ނަޒަރިއްޔާތަކުން ވިސްނައި، މައްސަލަތައް ނިންމާއިރު ތަފާތު ގޮތްގޮތަށް ބަލައި، އެކަމެއްގެ އެންމެ ރަނގަޅުގޮތް ހިޔާރުކުރަން އެނގެއެވެ. ދަރިންގެ ގައިގައި މި ހުނަރު އަށަގެނެވުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ކަންކަމާމެދު ސުވާލު އުފައްދައި، ދިމާވާ މައްސަލަތަކަށް ތަފާތު ހައްލުތައް ހޯދައި، މިނިވަންކަމާއެކު ވިސްނުމަށް ދަރިންނަށް ހިއްވަރުދިނުމަަކީ މައިންބަފައިން ކުރެވިދާނެ އެންމެ މުހިއްމު އެއްކަންތަކެވެ.

ވަގުތައް ކަމޭހިތައި ވަގުތު ރަނގަޅަށް މެނޭޖުކުރަން އެނގުމަކީ އުފެއްދުންތެރި ދިރިއުޅުމަކަށް ވަރަށް ބޭނުންތެރި ހުނަރެކެވެ. ކުދިންނަށް ވަގުތު މެނޭޖުކުރަން ދަސްކޮށްދިނުމުގެ ގޮތުން ކަންކަން ރާވާއިރު އެކަންތައްތަކަށް ހާއްސަ ގަޑިތަކަކާއި ހާއްސަ ލަނޑުދަނޑިތަކެއް ކަނޑައަޅައި އެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ކުދިންނަށް ބާރުއެޅުމަކީ ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަމެވެ. ވަގުތައް ފަރުވާތެރިވާން ދަސްކޮށްދިނުމަކީ ކުއްޖާގެ ތައުލީމީ ޒިންމާތަކާއި، އަދި ކުރިއަށް އޮތް މަސަތްކަތުގެ މާހައުލުގައި ޖެހޭ ގޮންޖެހުންތަކަށް ކުއްޖާ ތައްޔާރުކޮށްދޭ ކަމެކެވެ.

ފައިސާ ބެލެހެއްޓުމުގެ އަސާސްތައް ދެނެގަތުމަކީވެސް އެެންމެންނަށްވެސް ވަރަށް ބޭނުންތެރި ހުނަރެކެވެ. ކުއްޖާއަށް އެންމެ ކުޑައިރުއްސުރެން ފައިސާ ބެލެހެއްޓުމުގެ އަސާސްތަކާއި ފަހަށް ފައިސާ ރައްކާ ކުރުމުގެ މުހިންމުކަން ބެލެނިވެރިން ދަސްކޮށްދޭން ޖެހެއެވެ. މިގޮތައް ކުދިންނަށް ދަސްކޮށްދެވިއްޖެނަމަ ވަޒީފާއަށް ގޮސް ލާރި ހޯދައި، ޒިންމާދާރުގޮތެއްގައި އެ ބޭނުންކުރަން ކުދިންނަށް އެނގޭނެއެވެ.

ކެއްކުމަކީވެސް ދިރިއުޅުމުގައި ބޭނުންވާ ވަރަށް މުހިންމު ހުނަރެކެވެ. އަދި މީގެ އިތުރުން ސިއްހަތަށް ފައިދާހުރި ކެއުމުގެ އާދަތައް އެނގުމަކީވެސް މީހާ ދުޅަހެޔޮކޮށް ހުރުމަށް ވަރަށް ބޭނުންތެރި ކަމެކެވެ. އެގޮތުން މައިންބަފައިން ކެއުން ތައްޔާރުކުރުމަށް އުޅޭއިރު އެކަމުގައި ކުދިން ބައިވެރިކުރުމުން އެކުދިންނަށް ކައްކަން ދަސްވެ ސިއްހަތައް ފައިދާހުރި ކާނަ ކެއުމުގެ މުހިންމުކަން އެކުދިންނަށް އެނގިގެން ދާނެއެވެ.

ސާފުތާހިރުކަމަކީ ކޮންމެ މީހެއްގެ ގައިގައިވެސް ކޮންމެހެން ހުންނަންޖެހޭ ސިފައެކެވެ. ކުޑައިރުއްސުރެ ކުދިންނަށް ސާފުތާހިރުވުމަށް ބާރުއެޅުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. އެގޮތުން ގަވާއިދުން އަތް ދޮވެ، ދަތް އުނގުޅައި، މީހާ ނަޖިހުން ތާހިރުވެ ހުރުމުގެ މުހިންމުކަން މައިންބަފައިން ދަރީންނަށް ބުނެދޭން ވާނެއެވެ. ސާފުތާހިރުކަމަށް ލޯބިކުރާ މީހުންނަކީ މުޅި މުޖުތަމައުގެ ލޯބި ލިބިގެންދާނެ ބައެކެވެ.

ދިރުއުޅުމުގައި މާނަހުރި ގުޅުންތައް ބިނާކުރުމަށްޓަކައި އަނެކާގެ އިހުސާސްތައް ދަނެގަތުމުގެ ހުނަރަކީވެސް ވަރަށް ބޭނުންތެރި ހުނަރެކެވެ. އެހެން މީހުންގެ ނަޒަރިއްޔާތު ދެނެގަތުމަށް އެމީހުންގެ ވާހަކަތައް ކަނުލައި އަޑުއަހަންޖެހެއެވެ. އަދި މީހުންނާ މުހާތަބު ކުރާއިރު ނަޒާހަތްތެރިކަމާއެކު މުހާތަބު ކުރުމަކީ އެމީހުންނާއި ތިމާއާއިމެދު އޮންނަ ގުޅުން ވަރުގަދަވެގެންދާ ކަމެކެވެ. ދަރިންގެ ކިބައިގައި މި ސިފަ އަށަގަނެވޭނީ އެކުދިންނަށް މައިންބަފައިން ނަމޫނާ ދައްކައިގެންނެވެ.

ދިރިއުޅުމުގައި ދިމާވާ ނާކާމިޔާބީތަކާއި ދަތިތަކާ ތަފާތު ގޮންޖެހުންތަކަށް ކެރިގެން ކުރިމަތިލުމުގެ ހުނަރަކީވެސް ޒިންމާދާރު ދިރިއުޅުމެއް ބިނާކުރުމަށް ވަރަށް ބޭނުންތެރި ކަމެކެވެ. ސަބަބަކީ ދިރިއުޅުމުގައި ކަންވާނެ ގޮތެއް އެއްވެސް މީހަކަށް އަންދާޒާ ނުކުރެވޭނެތީއެވެ. ހަޔާތުގެ އެކި ހަރުފަތްތައް ކަޑައްތުކުރާއިރު ހީވެސް ނުކުރާފަދަ ގޮންޖެހުންތަކާ މީހާއަށް ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން ދަރިން މި ކަންތައްތަކަށް ތައްޔާރު ކުރުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. އެގޮތުން ނާކާމިޔާބީއަކީ އުނގެނުމާއި، ކުރިއެރުމުގެ ބައެއްކަން ކުދިންނަށް ވިސްނައިދިނުމަކީ މައިންބަފައިންގެ ޒިންމާއެކެވެ.

ދަރިން ރަތުބިއްޔަތުކުރާއިރު މިދެންނެވުނު ސިފަތައް ދަރިންނަށް ދަސްކޮށްދެވިފައިވާނަމަ ކުއްޖާބޮޑުވެގެން މީހުންގެ ތެރެއަށް ނިކުމެ އުޅޭއިރު، އެކުއްޖާއަކީ މީހުން ވަރަށް ބަލައިގަންނަަ އަދި މަގްބޫލު ކުއްޖަކަށް ވެގެން ދެއެވެ. އަދި ކުއްޖާއަކީ ވަރަށް ހަރުދަނާ މީހަކަށްވެސް ވެގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން