މާލެއަށް ކަރަންޓު ދިނުމަށް ބޭނުންކުރަމުންދާ ސްޓެލްކޯގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިއުމާއި ގުޅިގެން މާލެއިން ކަރަންޓު ކެނޑިއްޖެއެވެ.

މައުލޫމަަތު ލިބިފައިވާ ގޮތުގައި ކޭބަލް ބުރިކުރުމުގެ ސަބަބުން ކަރަންޓު ކެނޑިފައި ވަނީ މާލޭގެ ބައެއް ސަރަހައްދުތަކުންނެވެ.

މިއަދު ސްޓެލްކޯއިން ބުނީ، އެ ކުންފުނީގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިއުމާއި ގުޅިގެން މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަަމަށެވެ.

މާލެއަށް ކަރަންޓު ފޯރުކޮށްދެމުންދާ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ މަޖީދިއްޔާ ސްކޫލް ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް، ނެގުމަށް ފަހު އަނެއް ކޭބަލް ބުރި ކުރުމަށް މަސައްކަތް ކޮށްފަައިވާ ކަމަށެވެ.

ސްޓެލްކޯއިން ބުނީ އައު ކޭބަލެއް އަޅައި ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ތަންތަނަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން