ފުލުހުންގެ ލީޑަރޝިޕް
ފުލުހުންގެ ލީޑަރޝިޕް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 55 ޕޮލިސް ސްޓޭޝަން އިމާރާތްކުރުމަށް މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްގެ އޮޑިޓެއް ހަދަމުންދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ސުޖާއު މިއަދު ވިދާޅުވީ މިދިޔަ ސަރުކާރުގައި ޕޮލިސް ސްޓޭޝަންތަކެއް ޢިމާރާތް ކުރުމަށް ބޭރުގެ ކުންފުންޏަކަށް ޙަވާލުކޮށްފައިވާ ކަމަށެވެ.

އަދި އެމަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައިވާތީ ދާޚިލީ ވަޒީރު އަލީ އިހްސާންގެ ބެއްލެވުމުގެ ދަށުން އެކަން ހިނގާފައިވާ ގޮތުގެ އޮޑިޓެއް ހަދަމުންދާ ކަމަށާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެ އޮޑިޓްކޮށް ނިމުމުން މައްސަލައިގެ ތަފްސީލުތައް ލިބޭނެކަމަށްވެސް ސުޖާއު ވިދާޅުވިއެވެ.

ސުޖާއު މިހެން ވިދާޅުވެފައި ވާއިރު ދާޚިލީ ވަޒީރު އަލީ އިޙްސާން މީގެ ކުރިން ވިދާޅުވެފައިވަނީ ރަށްރަށުގެ ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމަށް 41 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި މިދިޔަ ސަރުކާރުން ސޮއިކޮށްފައިވާ ކަމަށެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ އިންދިރާ ޕްރޮޖެކްޓް ޖޮއިންޓްވެންޗާ އަށް ކަމަށާއި އެ ޕްރޮޖެކްޓްގައި ސޮއިކޮށްފައި ވަނީ 85 ޕަސެންޓް އިންޑިއާގެ އެގްޒިމް ބޭންކުން ދައްކައި ބާކީ 15 ޕަސެންޓް ދިވެހި ސަރުކާރުން ދައްކާ ގޮތަށްކަމަށް އިހުސާން ވިދާޅުވިއެވެ.

އަދި އިންޑިއާގެ އެގްޒިމް ބޭންކުން ދޭނެކަމަށް ބުނި ލޯނު ހަމަޖައްސައި ނުދެނީސް އަދި އެ ލޯނު ހަމަޖައްސައިދެވެން ނެތްކަމަށް އެ ބޭންކުން ބުނެފައިވަނިކޮށް، ސަރުކާރުން އެ ކުންފުންޏަށް އެޑްވާންސް ފައިސާ މާކުރިން ޖަމާކޮށްފައިވާކަން ހޯމް މިނިސްޓްރީގެ ލިޔެކިޔުންތަކުން ފެންނަން އެބަހުރިކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، ފައިސާ ދޫކޮށްފައިވާ ކުންފުނި އޮތް ތަނެއްވެސް އަދި އެކުންފުންޏާ މުއާމަލާތު ކުރުމަށް ވާހަކަ ދައްކަންޖެހޭ މީހެއްވެސް އެނގެން ނެތްކަމަށެވެ. އަދި އެ ޕޮލިސް ސްޓޭޝަންތައް އަޅަން ދެން ކުރަންޖެހޭ މަސައްކަތްތަކަކީ ކޮބައިކަން ވެސް އެނގެން ނެތްކަމަށް އިހުސާންވަނީ ވިދާޅުވެފައެވެ.

އަދި އޭގެ ފަހުން ސަރުކާރުން އެ ކުންފުންޏާއެކު އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާކަމަށާއި ދޫކުރި ފައިސާއަށް ވީގޮތް ވެސް ސާފު ނުވާކަމަށް އިޙްސާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އިހުސާން އޭރު ވިދާޅުވީ މި މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އަދި އެ ޕޮލިސް ސްޓޭޝަންތައް އެޅުމަށް ހިލޭ އެހީގެ ދަށުން ފަސް މިލިއަން ޑޮލަރު ދޭނެ ކަމަށް އިންޑިއާ ސަރުކާރުން 13 އޮގަސްޓް 2023 ގައި ރާއްޖެއަށް އަންގާފައިވާ ކަމަށާއި ފިނޭންސް މިނިސްޓްރީންވެސް އެކަން ފުލުހުންނަށް އަންގާފައިވާ ކަމަށް އިޙްސާން ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން