ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ، އޭގެ ހުރިހާ މާނައަކާއި ސިފައެއްގައި، ކޮރަޕްޝަން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން ނެރޭ އުންސުރުގެ ހަތް ވަނަ އަދަދުގައި 'ޕްރޮސެކިއުޓާ ޖެނެރަލްގެ ގަލަމުން' ޝަމީމް ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވީ ކޮރަޕްޝަންގެ ސަބަބުން އިޤްޠިޞާދީ، އިޖްތިމާޢީ އަދި ސިޔާސީ ހަމަޖެހުމާއި ކުރިއެރުމަށްވެސް އަސަރުކޮށް، ދައުލަތަށް މީހުން ކުރާ އިތުބާރު ކުޑަވާ ކަމަށެވެ.

ޖިނާއީ ޢަދުލުގެ ނިޒާމު އެކުލެވިގެންވަނީ ގިނަ އިދާރާތަކެއްގެ މައްޗަށް ކަމުގައި ވިޔަސް މުޅި ނިޒާމު އެކީ މަސައްކަތްކުރަންޖެހޭތީ، މިދާއިރާގެ އެންމެ ގުނަވަނެއްގައި ކޮރަޕްޝަންގެ ތުހުމަތު އޮތަސް މުޅި ނިޒާމަށް ރައްޔިތުންކުރާ އިތުބާރަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މިކަން ޙައްލުކުރެވޭނީ ކޮންމެ އިދާރާއެއް ވަކިން، އަދި ހުރިހާ އިދާރާއެއް އެއްކޮށްވެސް ކޮރަޕްޝަން ނައްތާލުމަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްގެން ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެ މަސައްކަތްކުރާ ކަމާއި، އެމަސައްކަތާމެދު އިދާރާތަކުން ސީރިއަސްކަން ރައްޔިތުންނަށް ފެނި، އިހުސާސް ކުރެވެން ޖެހޭނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮރަޕްޝަން ނައްތާލުމަށް ޕީޖީ އޮފީހުގައި ތިން ބާވަތެއްގެ މަސައްކަތެއް ކުރަމުން ގެންދަވާކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. އެގޮތުން ފުރަތަމަ ކަމަކީ، އޮފީހުގެ މަސައްކަތްތައް މީހުންނަށް ބަރޯސާނުވެ، ނިޒާމުތަކަކަށް ބަރޯސާވާ އުޞޫލަކަށް ރުކުރުވައިލުން ކަމުގައި އޭނާ ވިދާޅުވިއެވެ.

”އޮފީހުގެ ކޮންމެ ނިންމުމަކީވެސް ލިޔެފައި ހުރި އުޞޫލުތަކަކާއި އެސްއޯޕީތަކެއްގެ މައްޗަށް، މަދުވެގެން 3 މީހުންގެ ބައިވެރިވުން ހިމެނިގެން ނިންމާ ނިންމުމަކަށް ހެދުމެވެ. އޭރުން ކޮރަޕްޓް ވިޔަސް ވާނީ ތިން މީހުން އެއްކޮށެވެ. މިއީ، ވުމަށްވުރެ ނުވުން ގާތްކަމެކެވެ.” ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ކޮރަޕްޝަން ހުއްޓުވުމަށް ކުރާ ދެވަނަ ކަމަކީ، ކޮންމެ މަސައްކަތެއް ކުރާ މީހަކުވެސް، އަހަރަކު އެއްފަހަރު ބަދަލުވުން ކަމަށް ޝަމީމް ވިދާޅުވިއެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި މަސައްކަތްކުރާ ޕްރޮސިކިއުޓަރު، މިއަންނަ އަހަރު ޖިންސީ ކުށުގެ މައްސަލަތަކުގައި މަސައްކަތްކުރަން ޖެހިދާނެ ކަމަށާއި މީގެ ބޭނުމަކީ ކޮރަޕްޓް ނެޓްވަރކެއް އުފެދުމަށް ފުރުޞަތުވެސް ނުދިނުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

ތިންވަނަ ނިޒާމަކީ، މަޢުލޫމާތު ހާމަކުރުން ކަމަށް ޝަމީމް ވިދާޅުވިއެވެ. ޕީޖީ އޮފީހުގެ ފަލްސަފާއަކީ، ކޮންމެ ކަމެއްގެ އަޞްލަކީވެސް ހާމަކުރުންކަމަށާއި އެހެން ގޮތަކަށް ޤާނޫނުގައި ނުވަތަ މައްސަލައެއްގައި އަނިޔާ ލިބުނު މީހެއްގެ ޚާއްޞަ މަޞްލަޙަތެއް ނެތްނަމަ، ހުރިހާ މަޢުލޫމާތެއް ޢާންމު ކުރުން ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

“ޖަވާބުދާރީކުރުވަން ފުރުޞަތު ދިނުމެވެ. މަޢުލޫމާތު ޢާންމުނުކޮށް، ޖަވާބުދާރީކުރުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.” ޝަމީމް ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ ޕީޖީ އޮފީހުގައި އޮތީ ނިޒާމުތަކަށް ބަރޯސާވާގޮތަށް މަސައްކަތް ބައްޓަންކޮށްފައި ކަމަށެވެ. ކޮރަޕްޓް ނެޓްވަރކްތައް ނައްތާލައި، މަޢުލޫމާތު ޢާންމުކުރުމުގެ މާޙައުލުގެ ތެރޭގައި ކޮރަޕްޝަނަކަށް ދިރިއެއް ނޯވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން