ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ކުރިއަށް ގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ދަށުން 1000އަށް ވުރެ ގިނަ ގޭގެއަށް ޒިޔާރަތްކުރިއިރު ރައްޔިތުންގެ ހުރި އެންމެ ބޮޑު ކަންބޮޑުވުމަކީ ބޭސްފަރުވާ ހޯދުމުގައި ހުރި ދަތިކަން ކަން ފާހަގަ ކުރެވިއްޖެ އެވެ.

މިދިޔަ މޭ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ދަށުން މި މަހުގެ އެއް ވަނަ ދުވަހާ ހަމައަށް 1015 ގެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

"ހާލު ކިހިނެއް؟" ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރާއި އެއްގޮތަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިވެ ބާރުއެޅުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ތަފާތު ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި މާލެ ސަރަހައްދުގައި ފަށާފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާބާދުވެފައިވާ ހިޔާ ފްލެޓުތަކުންނެވެ. އަދި އަތޮޅުތަކުގައި މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދަނީ ފެމެލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުތައް ގާއިމްކުރެވިފައިވާ ރަށްތަކުގައެވެ.

ގޭގެއަށް ޒިޔާރަތްކޮށް އެއްކުރި މައުލޫމާތުތަކުގެ މައްޗަށް ބަލާއިރު އެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ ބޭސްފަރުވާ ހޯދުމުގައި ހުރި ދަތިކަމުގެ މައްސަލަތައް ކަމަށް މިނިސްޓްރީން ބުނެއެވެ. އޭގެ ތެރޭގައި ސްޕެޝަލިސްޓު ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހޯދުމުގައި ހުރި ދަތިތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުން ހޮސްޕިޓަލަށް ގެންދިއުމަށް ދިމާވާ ދަތިކަން ފާހަގަކޮށްލެވެ އެވެ.

އެއާއެކު އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުގެ މައްސަލައާއި، ގިނަ އާއިލާތަކެއް އެއްތަނެއްގައި އުޅެން ޖެހުމުން ދިމާވާ ދަތިތަކާއި، އެކަށީގެންވާ އާމްދަނީއެއް ލިބޭނެ ވަޒީފާތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދުމުގައި ދިމާވާ ދަތިތައް ފާހަގަކޮށްލެވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން