މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް
މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް
ޤައުމު ސަލާމަތް ކުރުމަށްޓަކައި ބޯންޖެހުނު ކޮންމެ ހިތިބޭހެއް ބޯންވެސް ތައްޔާރަށް ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ ފިސްކަލް ޒިންމާގެ ބިލްގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރުގެ މަޤާމުގައިވެސް ހުންނެވި ޤާސިމް މިއަދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ހަމައަކަށް އެޅުވުމަށްޓަކައި ރައީސް ޑރ. މުޢިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް މަރުޙަބާ ދަންނަވާ ކަމަށެވެ.

ޤާސިމް މިއަދު ވިދާޅުވީ ދަޢުލަތަށް ގެއްލުންވާ ކުންފުނިތަކާއި، އިސްލާޙު ކުރަންޖެހޭ އެހެނިހެން ކަންތައްތަކާއި، ޒިންމާއެއްނެތް ގޮތަށް ދީފައިހުރި ވަޒީފާތަކަށް ފިޔަވަޅު އެޅުއްވުމުގެ ހިތްވަރު ހުރިކަން ރައީސް ޑރ. މުޢިއްޒު ސާބިތުކޮށް ދެއްވަމުން ގެންދަވާ ކަމަށެވެ. އަދި އެގޮތަށް ރައީސުލްޖުމްހޫރިއްޔާ ހުންނަވާނަމަ މަޖިލީހުގެ މެންބަރުންވެސް ތިއްބެވީ ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވާން ތައްޔާރަށް ކަމަށް ޤާސިމް ވިދާޅުވިއެވެ.

"އަޅުގަނޑަށް ކަށަވަރު މި މަޖިލީހުގެ ކޮންމެ މެންބަރެއް މިޤައުމު ސަލާމަތް ކުރުމަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން، ކޮންމެ ހިތި ބޭހެއްވެސް ބޯން މިތިބީ ތައްޔާރަށް.." ޤާސިމް މިއަދު ވިދާޅުވިއެވެ.

ޤާސިމް ވަނީ އެފިޔަވަޅުތައް އެޅުން އަވަސް ކުރުމަށް ގޮވާލައްވާފައެވެ. އަދި ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ ޕްރޮގްރާމެއްގައި ބައިވެރި ވެއްޖެނަމަ ނިކަމެތިކަން ލިބޭނީ މުޅި ޤައުމަށް ކަމަށާއި އޭރުން ސަބްސިޑީތައްވެސް ކަނޑާލަން ޖެހޭނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

"ހުރިހާ ސަބްސިޑީއެއް ޖެހޭނީ ކަނޑާލަން. އެވާހަކަ މި ދަންނަވަނީ މަޢުލޫމާތު ލިބިހުރި މީހެއްގެ ޙައިސިއްޔަތުން. ތަޖުރިބާ ކޮށްފައިހުރި މީހެއްގެ ޙައިސިއްޔަތުން. އެއީ މަނިޓަރީ ޕޮލިސީ އާއި ފިސްކަލް ޕޮލިސީގަވެސް އިންޗާޖަކަށް ހުރި މީހަކަށް ވާތީ. އެކަން ދެނަހުރި މީހަކަށް ވާތީ. އެނގޭ މީހަކަށް ވާތީ. މެނޭޖްކޮށްފަހުރި މީހަކަށް ވާތީ." ޤާސިމް މިއަދު ވިދާޅުވިއެވެ.

ޤާސިމް މިއަދު ވިދާޅުވީ މި ޤަމުމުގައި ބޮޑެތި ޢަދަދުތަކުގެ ޝޯޓް ޓަރމް ލޯނު އެންމެ ގިނައިން ނަގާފައިވަނީ ނިމިދިޔަ އެމް.ޑީ.ޕީ. ގެ ސަރުކާރުން ކަމަށާއި އެއީ 200 މިލިއަން ޑޮލަރު ކަމަށެވެ. އެލޯނުތަކުގެ މުއްދަތު 2025 ގައި ހަމަވާ ކަމަށާއި، އެވާހަކަ ދައްކަން ފެށުމުން އެކަން މަތިޖަހަން އުޅުން ރަނގަޅު ނޫންކަމަށް ވިދާޅުވެ ޤާސިމް މިއަދު ވަނީ އެމް.ޑީ.ޕީ އަށްވެސް ފާޑުވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން