އިދިކޮޅު މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބިރު ދައްކާކަމަށްބުނެ އެކަން އެމްޑީޕީގެ ޕީޖީ ގުރޫޕުން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު ހާމަކުރުމަށް ސަރުކާރަށް ލާޒިމުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަންނަން ނިންމުމަށްފަހު، މަޖިލީހުގެ މަސައްކަތުގެ ތެރޭގައި އިދިކޮޅު މެންބަރުންނަށް އިންޒާރު ދީ ބިރުދައްކަން ސަރުކާރަށް ތާއީދުކުރާ މެންބަރުން މަސައްކަތް ކޮށްފައިވާކަން ވަރަށް ބޮޑަށް ފާހަގަ ވެފައިވާކަމަށެވެ.

އެގޮތުން، އިދިކޮޅު މެންބަރުންނާއި އިދިކޮޅު ފަރާތްތަކަށް ސިޔާސީ މަސައްކަތުގައި ޖާގަ ހަނިކުރުމަށް އަދި އެފަރާތްތައް ހައްޔަރު ކުރުމަށް ގޮވާލާ ބައެއް މެންބަރުން ބިރުދައްކާފައިވާ ކަމަށް މައުރޫފު ވިދާޅުވިއެވެ.

އެހެންކަމުން އެކަމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަމަށާއި އެކަން ކުށްވެރިކުރާކަމަށް މައުރޫފު ވިދާޅުވިއެވެ.

ގައުމުގެ އިގުތިސާދީ ހާލަތާއި ގުޅޭގޮތުން ދާދިފަހުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދެއްކެވި ވާހަކައަކާއި ގުޅިގެން، އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް މިއަދުވަނީ އޭނާ ހައްޔަރު ކުރަން ގޮވާލާފައިކަން ފާހަގަ ކުރެވެއެވެ.

ސަލީމް ވިދާޅުވީ މިދިޔަ ފަސް އަހަރު ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑް ކުރުމަށްފަހު ފައިސާ ޗާޕުކުރަމުންދިޔަ ކަމަށެވެ. އަދި އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އަރިހުގައި، އެވަރަށް ދަރަނި ނުނެގުމަށް އާދޭސްދެންނެވި ކަމަށާއި އެހެންނަމަވެސް އެވާހަކަތަކަށް ބީރު ކަންފަތެއް ދެއްވިކަމަށް ސަލީމް ވިދާޅުވިއެވެ. އަދި އަމީރަކީ ގައުމަށް ގައްދާރުވި މީހެއް ކަމަށްވެސް ސަލީމް ތުހުމަތު ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން