ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މާލީ ހާލަތައި ގުޅުވައި އަސާސީ ބައެއް ހައްގުތައް ހިފަހައްޓާފާނެކަމުގެ ކަންބޮޑުވުން އެބައޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕީޖީ ގުރޫޕުން ބުނެފިއެވެ.

މަޖިލީހުގެ އިދާރާގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވީ، ސަރުކާރުން ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އަދި އެކަމުގެ މިސާލެއްގެ ގޮތުގައި އޭނާ ވިދާޅުވީ، ސިޔާސީ މަގާމުތަކަށް ކޮންމެހެން މީހަކު ލާންޖެހިއްޖެ ހިނދެއްގައި ނޫނީ ނުލުމަށް ނިންމުމަށްފަހު މިއަދު ވެސް އެންވާރަމެންޓް މިނިސްޓްރީއަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކުރިކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

މީކާއީލް ވިދާޅުވީ، މި ސަރުކާރުން ދަނީ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ މުސާރައަށް ބަދަލެއް ގެނައުމެއްނެތި އެންމެ އާދައިގެ ރައްޔިތުންނަށް ދަތިވާނެފަދަ ކަންކަން ކުރަމުން ކަމަށެވެ. އަދި އެއީ ކުރީ ސަރުކާރުގައި އެކަން ކޮށްފައިވާނޭ ގޮތް ނޫންކަމަށާއި ކުރީ ސަރުކާރުގައި ހަރަދު ކުޑަކުރުމަށް އެންމެ ފުރަތަމަވެސް ކުޑަކޮށްފައިވާނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުންގެ މުސާރަ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީކާއީލް ވިދާޅުވީ، މާލީ މި ނާޒުކު ހާލަތުގެ ނާޖާއިޒު ބޭނުންހިފައި، ގާނޫނު އަސާސީގައި ހުރި މުހިންމު ބައެއް އަސާސީ ހައްގުތައް ހިފެހެއްޓުމަށް ސަރުކާރުން މަސައްކަތް ކޮށްފާނެކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކުން ކަންކަމުގައި ވަކާލާތު ކުރުމުގެ ހައްގު ހަނިވާގޮތަށް ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެނެސްދާނެކަމުގެ ކަންބޮޑުވުން އެބައޮތްކަމަށެވެ.

ނަމަވެސް، އެފަދަ ބިލެއް ސަރުކާރުން ހުށަހަޅާފައިވާކަމެއް ނުވަތަ ނޫންކަމެއް މީކާއީލް ވިދާޅެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން