ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ސަރުކާރުން ދަރަނި ނެގީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިޞަލް ވިދާޅުވެއްޖެއެެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ދައުލަތުގެ ދަރަންޏާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ނިސްބަތްވެވަޑައިގަންނަވާ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިޞަލް ވިދާޅުވީ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ގާނޫނު އަސާސީން ދައުލަތުގެ މައްޗަށް ލާޒިމްކުރާ ކަމެއް ކަމަށެވެ. އެހެންނަމަވެސް ކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިހުމާލުވެފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

އެގޮތުން ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުން ދަރަނި ނުވަތަ ލޯނު ނަގަން ޖެހުނީ ކުރީގެ ސަރުކާރުތަކުން ރަައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށް ދީފައިނުވާތީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް އަމީން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތައް ދައުލަތުގެ ފަރާތުން ހަމަހަަމަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ކަމަށެވެ.

އަމީން ވިދާޅުވީ އޭނާގެ ދާއިރާގައި 5000 އަށް ވުރެ ގިނަ ރައްޔިތުން އުޅޭ ކަމަށެެވެ. އެހެން ނަމަވެސް 3000 ރައްޔިތުން ހަމަނުވާ ބައެއް ދާއިރާތަކަށް ސަރުކާރުން ބިލިއަނުން ޚަރަދުކުރަމުންދާއިރު އޭނާ ނިސްބަތްވެވަޑައިގަންނަވާ ދާއިރާ އަށް ޚަރަދުކުރަނީ އެންމެ 100 މިލިއަން ރުފިޔާ ކަމަށް އަމީން ވިދާޅުވިއެވެ.

"2018 ވަނަ އަހަރާއި ހަމަޔަށް އަޅުގަނޑުމެންގެ ދާއިރާގައި އެންމެ ނަރުދަމާ އެއް އޮތީ، އެހެންވީމަ ވަރިހަމަ 140 ބިލިއަން ރުފިޔާގެ ދަރަނި ނަގައިގެން އަޅުގަނޑުމެންގެ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަށް ދޭންޖެހޭނެ، ސިނަމާލެ ބްރިޖް ހެދިއިރު އަޅުގަނޑުމެންނަށް ލިބުނު ޕްރޮޖެކްޓަކީ ބޮނޑިބަތް ކެއްކުން. ކަނޑިތީމު ދާއިރާގައި އެންމެ ވަރުގަދައަށް ހިންގި ޕްރޮޖެކްޓަކީ ބޮނޑިބަތް ކެއްކުން މާލޭގައި ބްރިޖް ހެދިއިރު. އެހެނެއް ނެހެދޭނެ އިއްޒަތްތެރި ރައީސް. ގާނޫނު އަސާސީގައި އޮތީ ހުރިހާ ރައްޔިތުން ހަމަހަމަކުރަން.، އެހެންވީމަ ދަރަނި ނަގަންޖެހެނީ. ޝަމުޝުއްދީނު ރަދުން ފެށިގެން ނަރުދަމާ އެޅިނަމަ އެ ދަރަނި ނަގާކަށް ނުޖެހޭނެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙެއް،" ކުރީގެ ރައީސް ސޯލިހް ސަރުކާރުން ލޯނު ނެގުން ދިފާއު ކުރަށްވައި އެކަން ކުރަންޖެހުނު ސަބަބުތަށް ހާމަކުރައްވަމުން އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ ކުރީގެ ސަރުކާރުން ދަރަންޏެއް ނަގާފައިވާނަމަ އެކަން ކޮށްފައިވަނީ ރައްޔިތުންގެ ލާބަޔާއި މަންފާ އަށް ކަމަށެވެ. ދަރަނި ނަގައިގެން ކޮށްފައިވާ ކަންކަން އޭނާގެ ދާއިރާއަށް ބަލާލުމުން އެނގޭ ކަމަށް އަމީން ވިދާޅުވިއެެވެ. ފައިސަލް ވިދާޅުވީ ވައުދުވުމަށް ރައްޔިތުން ސަރުކާރަށް މަޖުބޫރު ނުކުރާ ކަމަށެވެ.

އަމީން ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަންޖެހޭ ކަމަށާއި، އެވައުދުތަކަކީ ސަރުކާރުން ހިތުން ރުހުމުން ވެފައިވާ ވައުދުތަކަށްވާއިރު ކޮންމެ ކަމެއްގައި ޒިންމާ އިން ރެކެން "ކުރީގެ ސަރުކާރޭ" ކިޔެން ނޯންނާނެ ކަމަށެވެ. އަމީން ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ފަށާފައި ހުރި ތަރައްގީގެ މަސައްކަތް މިހާރު ވަނީ ހުއްޓިފައި ކަމަށެވެ.

"ބައެއް އިއްޒަތްތެރި މެންބަރުން ވިދާޅުވި ބްރިޖު ފެނެއޭ. ހިނގާ އަޅުގަނޑާ އެކީ. އަޅުގަނޑުގެ ދާއިރާގައި ވޭތުވެދިޔަ ހަތަރު އަހަރު ފަސް އަހަރުކޮށްފައި ހުރި ކަންކަން ފެންނަން އެބަހުރި. ތިންހަތަރު ރަށުގައި ހޮޅި ވަޅުލަވަޅުލަ އެހެރީ. އެ ހިސާބުން ހުއްޓިފަ. އެ ހިސާބަށް ދިޔައީމާ އެ ހިސާބުގައި ކޮށްފައި ހުރި ކަންކަން ފެންނާނީ. މިތާ ތިބީމަ މިތާނގައި ކޮށްފައި ހުރި ކަންކަން ފެންނާނީ. އެހެންވީމާ، މި ތާރީޚާއި ކޮށްފައި ހުރި މަސައްކަތާއި މި އެއްޗެހިއެއްޗެހި އޮޅުވައިލާފައި މާމޮޅެތި ވާހަކަދައްކާނެ ކަމެއް ނެތް. ރައްޔިތުންގެ ލާބަޔާއި މަންފާއަށް ނެގި ބަޔަކު ދަރަނި ނަގާފައި އެ އޮތީ. އޭގެ ތެރޭގައި ގޯހެއް އޮތިއްޔާ އިއްޒަތްތެރި

ރައީސް ބަލަންވީ." އަމީން ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އަމީން ވަނީ ޕާޓީ ފިކުރާ ޕާޓީ ރޫހު ދޫކޮށް ރައްޔިތުންނަށް ފައިދާހުރި ކަމެއް މެމްބަރުން ކުރަން ނުވޭތޯ ސުވާލު ކުރަށްވާފައެެވެ. މަޖިލީހުގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔަކަށް ޖަދަލުކޮށްގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށް އަމީން ވިދާޅުވިއެވެ.

"20 ވަނަ މަޖިލީހުގައި ވެސް 5 އަހަރު ހަމަ މިގޮތަށް ފޮނި އަނގަތަޅާފައި ހަމަ އެއްބަޔަކު އެމް.ޑީ.ޕީއަށް އަނެއް ބަޔަކު ޕީ.އެން.ސީއަށް ބަވާފައި ދިޔަޔަކަސް ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނޯންނާނެ." އަމީން ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަރަންޏާ ބެހޭ ބިލު މަޖިލިސް ތަޅުމުން އިއްޔެ ބަލައިގަނެ، އެ ބިލު އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

މި ބިލަށް ވާހަކަދެއްކެވި ސަރުކާރުގެ މެމްބަރުން ވަނީ ގައުމުގެ ދަރަނި 120 ބިލިއަނަށް އަރާފައި ވަނީ މިދިޔަ ސަރުކާރުގެ އިހުމާލުން ކަމަށް ބުނެ އެމްޑީޕީގެ ނިމިދިޔަ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ގައުމުގެ މާލީ ހާލަތާއި އިގްތިޞާދު މިހާރު އޮތް ގޮތުން ސިޔާސީ މަގާމުތައް މަދުކުރުމާއެކު ގިނަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިއްމާފައެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން