މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން އެމްޑީޕީއަށް ވެރިކަން ދިންނަމަ މިއަދު ވެސް މަސް ކިލޯއެއް ހުންނާނީ 25 ރުފިޔާއަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ ވަނީ "ކުރީ ސަރުކާރު" ނަމުގައި ހަރުގެ ޖަލްސާއެއް ބާއްވާފައެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މައުރޫފު ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ފެށުނީއްސުރެ ނިމެންދެންވެސް، މަސްވެރިންނަށް އެ މީހުން ކިރި މަހުގެ ލާރިކޮޅު ނުލިބިގެން ދެމަސް ވެގެން އާއިލާ ގޮވައިގެން ދިހަ ދުވަހު މުޒާހަރާ ކުރަންޖެހިފައި ނޯންނާނެކަމަށެވެ.

އޭގެ އިތުރުން އެއްވެސް މަސައްކަތްތެރިއަކަށް އެމީހުން ކުރާ މަސައްކަތުގެ މުސާރަ ނުލިބިގެން، ނުވަތަ އިނާޔަތެއް ނުލިބިގެން ދަރީންނަށް ކާންދޭނެ ގޮތެއް ނެތިގެން މުޒާހަރާކުރަންޖެހުނު ހާލަތެއް އެމްޑީޕީގެ ވެރިކަމުގައި އަޑު ނާހާކަމަށް ވެސް މައުރޫފު ވިދާޅުވިއެވެ.

މައުރޫފު ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުނުނަމަ މިއަދު ވެސް މަސްކިލޯއެއް ގަންނަނާނީ 25 ރުފިޔާއަށް ކަމަށެވެ. އޭނާ މިހެން ވިދާޅުވެފައިވާއިރު ދާދިފަހުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ އެފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ދުވަސްވަރު މަސްކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކުރީ ރާއްޖޭގެ މަހަށް އިނގިރޭސި ވިލާތުން ނަގަމުންދާ ޑިއުޓީ ކަނޑާލާނެކަމުގެ ޔަގީންކަން އޭރު ލިބިފައި އޮތުމުން ކަމަށެވެ.

މި ސަރުކާރުން މަސްވެރިންނަށް ފައިސާ ދިނުމުގައި ލަސްތަކެއް އުޅޭކަމަށްބުނެ މަސްވެރިން މިދިޔަ ހަފްތާތެރޭ މުޒާހަރާތައް ވެސް ކުރިއަށް ގެންދިޔައެވެ. ސަރުކާރުން މިހާރުވަނީ މަސް ދެން ގަންނަނީ ބައިނަލްއަގުވާމީ މާކެޓް ރޭޓަށްކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން