ދޮޅު މިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލައެއްގައި އއ. މަތިވެރީ މީހަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ އއ. މަތިވެރި، ހަނދުވަރީގެ، ޢުމުރުން 33 އަހަރުގެ އަބްދުﷲ ޖަމީލެވެ.

އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކޮށްފައިވަނީ އިންތިޒާމު ވެގެން، ރާވައިގެން ގިނަ ބަޔަކު ހިމަނައިގެން ދޮޅު މިލިއަން ރުފިޔާގެ ވައްކަމެއް ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ހުއްދަ ނޫން ތަނަކަށް ވަނުމާއި، މުދަލައް ގެއްލުން ދިނުމުގެ ތުހުމަތުވެސް ފުލުހުން ވަނީ އޭނާގެ މައްޗަށް ކޮށްފައެވެ.

ފުލުހުންގެ ރިކޯޑްތަކުން ދައްކާ ގޮތުގައި ޖަމީލް ވަނީ 2021 ވަނަ އަހަރު މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކޮށްފައެވެ.

އަދި މިދިޔަ އަހަރު ސައްޙަނޫން ބޭންކް ސްލިޕެއް ހަދައިގެން ފިހާރައަކުން ވިޔަފާރި ކުރި މައްސަލައެއްގައި އެއް އަހަރަށް ޖަލަށްލުމަށްވެސް އޭނާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން