ރާއްޖޭގެ މާލީ ހާލަތާ ގުޅޭ މައުލޫމާތު ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ގަވަނަރު މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ތާވަލު ކޮށްފައި ވަނީ މާދަމާ ހެނދުނު 11:00 ގައި އޮންނަ މާލިއްޔަތު ކޮމިޓީގެ ބައްދުލުމަށެވެ. އެ ކޮމިޓީއަށް ގަވަރުނަރު ހާޒިރުކުރުމަށް ނިންމާފައިވަނީ ކޮމިޓީގެ މެންޑޭޓުގެ ދަށުން އެމްއެމްއޭގެ މަސައްކަތްތަކާގުޅޭ މައުލޫމާތު އޮޅުންފިލުވައި ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން މެންބަރުން އޮޅުން ފިލުވަން ބޭނުންވާ ކަންކަން އޮޅުން ފިލުވުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މާދަމާ ހެނދުނު އެމްއެމްއޭގެ ގަވަރުނަރު ހާޒިރުކުރުމަށް ނިންމާފައިވިނަމަވެސް ގަވަރުނަރު މިވަގުތު ހުންނެވީ ރާއްޖޭން ބޭރުގައެވެ. ގަވަނަރު ކޮމެޓީއަށް ހާޒިރުކުރުމަށް ތާވަލްކޮށްފައިވާއިރު އޭނާ މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމުގެ މައްސަލަވެސް އެ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ. ނަމަވެސް އެ މައްސަލަ އަދި އެޖެންޑާ ކޮށްފައެއް ނުވެއެވެ.

މާލިއްޔަތު ކޮމިޓީން ދަނީ ރާއްޖޭގެ މާލީ ހާލަތާ ގުޅޭ މައުލޫމާތު ހޯދުމަށް ކަމާގުޅުންހުރި އެކި އިދާރާތައް ކޮމިޓީއަށް ހާޒިރުކުރަމުންކަން ފާހަގަ ކުރެވެއެވެ. އެގޮތުން، މިދިޔަ މަހު އެ ކޮމިޓީއަށް މާލީ ވަޒީރުވެސް ވަނީ ހާޒިރުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން