އެމް.ޑީ.ޕީ ގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
އެމް.ޑީ.ޕީ ގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
މާލީ ހާލަތު "ވާނުވާ" ގައި ބާއްވައިގެން ގައުމަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތް ކަމަށް އެމް.ޑީ.ޕީ ގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ކައުންސިލަރުންގެ އަދަދު މަދުކޮށް، މަޖިލިހުގެ މެމްބަރުންގެ އަދަދު ވެސް މަދުކުރަށްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ފައްޔާޒް މިއަދު ވިދާޅުވީ، ރާއްޖޭގައި މިހާރު މިއޮތް ސިސްޓަމަށް ބަދަލުތަކެއް އަންނަން ޖެހޭކަމަށް ޤަބޫލު ކުރަށްވާކަމަށެވެ. ނަމަވެސް ކައުންސިލަރުންގެ އަދަދު މަދުކުރުމާއި، މަޖިލިސް މެންބަރުންގެ އަދަދު މަދުކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދަން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ނަމަވެސް ދެބޯގެރި ދުއްވުމުގެ ބަދަލުގައި މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކުރުން މުހިންމު ކަމަށް ފައްޔާޒް ވަނީ ވިދާޅުވިއެވެ.

"އެމް.ޑީ.ޕީ އިން ރައްޔިތުން ބަލއިގަންނާނެ ހަރުދަނާ ބަދަލުތަކަކަށް މަރުހަބާ ކިޔާނެ. އެކަމު މާލީ ހާލަތު 'ވާނުވާ' ގައި ބާއްވައިގެން ގައުމަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތް." ފައްޔާޒް ވިދާޅުވެފައިވެއެވެ.

ފައްޔާޒް ވިދާޅުވީ، ޤައުމުގެ މާލީ ޙާލަތު ރަނގަޅު ކަމަށް އިޤްތިޞާދީ ވަޒީރު ވިދާޅުވާއިރު، އާންމު ރައްޔިތުން ހިތި ބޭސް ބޯންޖެހޭ ވާހަކަވެސް ސަރުކާރުން ދައްކަމުންދާ ކަމަށެވެ. އެހެންކަމުން، މާލިއްޔަތާއި އިގްތިސާދު ރަނގަޅަށް އޮތްނަމަވެސް ރައްޔިތުންނާއި، އިންވެސްޓަރުންނާއި ފައިނޭންސަރުންގެ އިތުބާރު ގެއްލި ނުބައި ދިމާލަކަށް ގައުމު ގޮސްދާނެކަން ފައްޔާޒު ފާހަގަ ކުރެއްވިއެވެ.

"ގެންނަށް ހުށަހަޅާފައި ހުރި ބަދަލުތަކުގައި އިހްލާސްތެރިކަމެއް ހުރިކަމަކަށް ނުފެނޭ." ފައްޔާޒް ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު، ވިޔަފާރިތަކާއި ރާއްޖޭން ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް ފައިސާދޭނެ ގޮތެއްގެ ވާހަކަ ސަރުކާރުން ހާމަކުރަން ޖެހޭކަމަށާއި، އެކަންކަން އަދި ހުރީ ނުވެކަން ފައްޔާޒް ފާހަގަ ކުރެއްވިއެވެ.

ހަމައެހެންމެ، މި ސަރުކާރުން ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ވައުދުވެފައިވާ ގޮތަށް ހާލަތު އޮތްގޮތް މުޅިން ސާފުވާ ގޮތަށް ހާމަކުރަން ޖެހޭކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. އެގޮތުން ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރެއްވުމަށާއި، ރަށްރަށުގެ ކައުންސިލަރުން މަދުކުރުމުގެކުރިން ސިޔާސީ މުވައްޒަފުން ވައުދާ އެއްގޮތަށް މަދުކުރޭތޯ ސާފު ކޮށްދޭން ޖެހޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، މިކަންކަން ހާމަކުރުމަކީ އެއްވެސް ވަރަކަށް އުނދަގޫކަމެއް ނޫން ކަމަށާއި، އެއީ މިވަގުތުވެސް ސަރުކާރަށް އެނގެންޖެހޭ މައުލޫމާތު ކަމަށެވެ. އެ މައުލޫމާތުތައް ސަރުކާރަށް ނޭނގޭނަމަ އެއީ އަދި މާ ކަންބޮޑުވާންޖެހޭ ކަމެއްކަމަށްވެސް ފައްޔާޒު މިއަދު ވަނީ ވިދާޅުވެފައެވެ.

ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު ސަރުކާރުގެ ހަރަދުގައި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މިހާރު ފައިސާ ފޮނުވުން ހުއްޓާލާފައިވާ ކަމަށް ބުނެ އިދިކޮޅު އެމް.ޑީ.ޕީ. އިން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި ކުއްލި މައްސަލަވެސް ވަނީ ބޭރުކޮށްލައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން