ބޭރުގައި ކިޔަވަންތިބި ދަރިވަރުންގެ ވާހަކަ ދައްކަން ރައްޔިތުންގެ މަޖިލީހުން ނުކުޅެދުމަކީ ހިތާމަހުރި ކަމެއްކަމަށް އިދިކޮޅު އެމް.ޑީ.ޕީ ގެ ޕީ.ޖީ ލީޑަރ، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ނާޒިލް މިހެން ވިދާޅުވެފައިވާއިރު ސަރުކާރުގެ ހަރަދުގައި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މިހާރު ފައިސާ ފޮނުވުން ހުއްޓާލާފައިވާ ކަމަށް ބުނެ އިދިކޮޅު އެމް.ޑީ.ޕީ. އިން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި ކުއްލި މައްސަލަ ވަނީ ތަޅުމުން ބޭރުކޮށްލައިފައެވެ.

މައްސަލަ ބޭރުކޮށްލުމާ ގުޅިގެން ނާޒިލް މިއަދު ވިދާޅުވީ، 20 ވަނަ މަޖިލީހަކީ ނަމޫނާ މަޖިލީހަކަށް ވާނެ ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް މިއަދަކީ މަޖިލީހުގެ ތާރީޚުގައިވެސް ކަޅު، އަނދިރި ދުވަހެއް ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ތިބި ދަރިވަރުންނާއި ދަރިވަރުންގެ އާއިލާތައް ނިކަމެތިވެ މަގުމަތި ވަމުންދާއިރު އެ ވާހަކަ ދައްކަން މަޖިލީހުން ނުކުޅެދުމަކީ ހިތާމަހުރި ކަމެއްކަމަށް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް މިއަދު ވިދާޅުވީ، ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އެންމެ ބޭނުން ޖެހިފައިވާ ދަރިވަރުންނަށް ފައިސާ ޖަމާކުރަމުންދާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިހިނެއް ކުރަމުންދާ ކަމެއްކަން ސާފު ނުވާ ކަމަށާއި، މިއަދުވެސް އެތައް ދަރިވަރުންނަކަށް ފައިސާ ނުލިބި ނިކަމެތިވެފައިވާކަމަށް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް މިފަދަ ކަންބޮޑުވުމެއް ފާޅުކުރަށްވާފައިވާއިރު، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ފޮނުވުން ހުއްޓާލާފައިވާ ކަމަށްބުނެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެންބަރެކެވެ. ނުފެންނަ ކަމަށް 59 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

މައްސަލަ ބޭރު ކޮށްލުމަށްފަހު ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުން ވިދާޅުވެފައިވަނީ، ބޭރުގައި ކިޔަވާ ދަރިވަރުންނަށް މިސަރުކާރުން ފައިސާ ޖަމާކުރަމުން އަންނަ ކަމަށާއި، ނުދެވިހުރީ ކުރީ ސަރުކާރުން ނުދީހުރި ފައިސާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން