ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ނުލިބޭ ކަމަށްބުނެ އެމް.ޑީ.ޕީ އިން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.

އެމް.ޑީ.ޕީ ގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ، ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ނުލިބި ލަސްވާތީ ބައެއް ދަރިވަރުންނަށް ޓިއުޝަން ފީ ދެއްކުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށާއި، ދަރިވަރުން ދިރިއުޅޭ ތަންތަން ހުސްކުރަން ޖެހި، ހަރަދުތައް ނުކުރެވޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

ނާޒިލް ވަނީ މިކަމާ ގުޅިގެން ސަރުކާރުން ދަރިވަރުންނަށް އެއްވެސް ޖަވާބެއް ނުދޭ ކަމަށްވެސް ވިދާޅުވެފައެވެ. ހަމައެއާއެކު ސަރުކާރުން ބޭކާރު ޚަރަދު ކުރަމުންދާކަމަށް ނާޒިލް މިއަދު ވިދާޅުވިއެވެ.

"ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ތިޖޫރީ ހުސްކުރަނީ ސަރުކާރުގެ ވެރިންނަށް ގެކޮޅުތަކާއި އޮފީސްތައް ޒީނަތްތެރިކުރުމާއި ޑޮލަރު ހަރަދުކޮށްގެން ބޮޑެތި ވަފުދުތައް ހަދައިގެން ރާއްޖޭން ބޭރަށް ދަތުރުކުރުމަށާއި ސިޔާސީ މުވައްޒަފުން ފައުޖުފައުޖަށް އައްޔަންކޮށް އެމީހުންނަށް މުސާރަދިނުމަށް." މައްސަލަ ހުށައަޅުއްވަމުން ނާޒިލް މިއަދު ވިދާޅުވިއެވެ.

އެމް.ޑީ.ޕީ. އިން މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެންބަރެކެވެ. ނުފެންނަ ކަމަށް 59 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

މި މައްސަލަ ބޭރު ކޮށްލުމަށްފަހު ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުން ވިދާޅުވެފައިވަނީ، ބޭރުގައި ކިޔަވާ ދަރިވަރުންނަށް މިސަރުކާރުން ފައިސާ ޖަމާކުރަމުން އަންނަ ކަމަށާއި، ނުދެވިހުރީ ކުރީ ސަރުކާރުން ނުދީހުރި ފައިސާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން