ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ
ސަރުކާރުން އޭޑީކޭ ހޮސްޕިޓަލަށް ދައްކަން ޖެހޭ 144 މިލިއަން ރުފިޔާ ހޯދަން އެ ހޮސްޕިޓަލުން މާލިއްޔަތު ކޮމިޓީގެ އެހީތެރިކަމަށް އެދިއްޖެއެވެ.

އޭޑީކޭ ހޮސްޕިޓަލުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވެރިކަން ނިމުމާ ހަމައަށް ސަރުކާރުން އޭޑީކޭ ހޮސްޕިޓަލަށް ދޭން ޖެހޭ، 144 މިލިއަން ރުފިޔާ އެބަހުރި ކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ސަރުކާރުގެ މުއައްސަސާތަކަށް ދީފައިވާ ހިދުމަތްތަކާއި، އާސަންދަ އާއި އެންސްޕާގެ ދަށުން ދީފައިވާ ހިދުމަތްތަކަށް 144،376،112 ރުފިޔާ ބިލްކޮށްފައިވާ ކަމަށް އޭޑީކޭގެ ސިޓީގައި ވެއެވެ. އޭގެ ތެރެއިން ފައިސާ ނުދައްކާތާ 90 އަށްވުރެ ގިނަ ދުވަސްވެފައިވާ 78،555،528 ރުފިޔާ ހޯދަން މަޖިލީހުގެ އެހީތެރިކަމަށް އެ ހޮސްޕިޓަލުން އެދިފައިވެއެވެ.

އޭޑީކޭ އިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު މަޖިލީހަށް ފޮނުވާފައިވާ އެސީޓީއާ ގުޅިގެން މިއަދުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ، އޭގެ ތެރެއިން މިހާތަނަށް ލިބިފައި ވަނީ ކިހާ ފައިސާއެއްތޯ އާއި ނުލިބި އިތުރުވެފައި ވަނީ ކިހާވަރެއްތޯ ސާފު ކުރުމަށެވެ.

އޭގެ އިތުރަށް އޭޑީކޭ ހޮސްޕިޓަލްގެ ޖަވާބު ލިބުމުން މާލީ ވުޒާރާ އާއި، އާސަންދަ އާއި، އެންސްޕާއިން އިތުރަށް މައުލޫމާތު ސާފުކުރުމަށް ވެސް މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.

މިއަދުގެ ބައްދަލުވުމުގައި މިކަމަށް ޚިޔާލު ފާޅުކުރެއްވި މެންބަރުން ވަނީ ކުރީގެ ސަރުކާރުގައި އަމިއްލަ ކުންފުނިތަކުން ހިދުމަތް ހޯދުމަށް ފަހު ފައިސާ ދައްކާފައި ނުވާތީ އަމިއްލަ ކުންފުނިތައް ބިކަވެފައިވާ ކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން