މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ބައްސާމު އާދަމް އެ މަގާމުން ވަކިކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ ޑީއެމްޑީގެ މަގާމުން އޭނާ ވަކިކުރިކަން "ރަސް"އަށް ވަނީ ކަށަވަރު ކުރެވިފަ އެވެ.

ނަމަވެސް އޭނާ މަގާމުން ވަކިކުރީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ.

ބައްސާމް އެ މަގާމުން ވަކިކުރި އިރު ޖިންސީ ގޯނާގެ ތުހުމަތަކާ ގުޅިގެން މިދިޔަ އޭޕްރީލް މަހު އޭނާ ވަޒީފާއިން ސަސްޕެންޑް ވެސް ކުރި އެވެ.

އެހެން ނަމަވެސް ފަހުން ސަސްޕެންޝަން އުވާލައި ވަޒީފާއަށް ނެރުނެވެ. އަދި މިދިޔަ މޭ މަހު ވަގުތީ ގޮތުން އެމްއެމްޕީއާރުސީ ހިންގަން ވެސް ބައްސާމްއާ ހަވާލުކުރި އެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް، އިޝްތިހާރުކުރުމުގެ މަސްއޫލިއްޔަތު އޮންނަ އެމްއެމްޕީއާރުސީ ފަހަކަށް އައިސް އޮތީ ބޮޑެތި މައްސަަލަތަކެއްގެ ތެރޭގަ އެވެ.

އެގޮތުން މިދިޔަ މޭމަހު އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނުރައިން ޖަނާހު ވަނީ ކުއްލި ގޮތަކަށް އެމަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އަދި ހަމަ މޭ މަހު އެމްއެމްޕީއާރުސީ ބޯޑުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ، މަޓީ ތަމްސީލު ކުރައްވަމުން ގެންދެވި މެމްބަރު ރާފިލް ވެސް އިސްތިއުފާ ދެއްވި އެވެ.

ހަމަ މިދިޔަ މޭ މަހު އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމުން ފާތިމަތު ތައުފީގު ވަނީ ވަކިކޮށްފައެވެ.

އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމުގައި މިހާރު ހުންނެވީ އިބްރާހިމް ޝިއުރީ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ މިދިޔަ މަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން