އިބްރާހިމް ޝިއުރީ
އިބްރާހިމް ޝިއުރީ
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އުފައްދާފައިވާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (ވިޒިޓް މޯލްޑިވްސް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ޝިއުރީ އިސްތިއުފާ ދެއްވައިފިއެވެ.

2024 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު އެ މަގާމަށް އައްޔަން ކުރެއްވި ޝިއުރީ މަގާމުން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އަދި މިހާތަނަށް ސާފުވާގޮތެއް ނުވެއެވެ. ޝިއުރީ އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ވިޒިޓް މޯލްޑިވްސްގެ އެމްޑީ ކަމަށް އައްޔަން ކުރެއްވި ދެވަނަ ބޭފުޅާއެވެ. މި ސަރުކާރުގައި އެންމެ ފުރަތަމަ އެ މަގާމަށް އައްޔަން ކުރެއްވީ ފާތިމަތު ތައުފީގެވެ.

ޝިއުރީ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، އަންނަ އަހަރު ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރުވަމުންދާ 'ވިޒިޓް މޯލްޑިވްސް އިޔާ' ގެ ޝިއާރެއްގެ ގޮތުގައި ކަނޑައެޅި 'އައިލެންޑާސް އާ އަސް' މި ސްލޯގަންއަށް އާންމުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ފަރާތްތަކެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ވިޒިޓް މޯލްޑިވްސްގެ ވެރިޔަކަށް ހަމަޖެއްސުމުގެ ކުރިން ޝިއުރީ އެންމެ ފަހުން އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ވޯލްޑް ބޭންކުގެ "އެންހޭންސިން އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތް" ޕްރޮޖެކްޓްގެ ސްޓިއަރިންގ ކޮމިޓީގެ މެމްބަރުކަން ހިމެނެއެވެ.

މީގެ އިތުރުން ޝިއުރީ އަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި، ހާއްސަކޮށް ޓޭބަލް ޓެނިސް (ޓީޓީ) ގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެއްގެ އިތުރުން ކޯޗެކެވެ. އޭނާ ވަނީ ފަސް ފަހަރަށް ޓީޓީގެ ގައުމީ ޗެމްޕިއަންކަން ހޯއްދަވައި، ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ދިވެހިރާއްޖެ ތަމްސީލު ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު