ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ އާދައިގެ ވަޒީފާތަކުން މުވައްޒަފުން ވަކިކުރާތީ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ މިއަދުގެ ޖަލްސާއަށް އެމްޑީޕީގެ ފަރާތުން ކުއްލި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރެވެ. ޒާކިރު މި މައްސަލަ ހުށައަޅުއްވާފައިވާއިރު ކޫއްޑޫ ގައި ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފުންތަކެއް ވަކިކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

މައްސަލަ ހުށައަޅުއްވަމުން މައުރޫފް ވިދާޅުވީ ސިޔާސީ މަގާމުތަކުގެ އަދަދު 700 އިން ދަށުގައި ހިފެހެއްޓުމަކީ މި ސަރުކާރުގެ ވައުދަކަށް ވާއިރު އެ އަދަދު ގާތްގަނޑަކަށް 2000 އަށް އަރައިގެން ދިއުމަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދާ ހިލާފު ކަމެއް ކަމަށެވެ.

"ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ޅ ގައި ރައިސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި އަދި އެމަނިކުފާނުގެ ވައުދުފުޅާ ހިލާފުވެ ސަރުކާރުން ދަނީ ހައްދެއްނެތި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މަސައްކަތާ އެކަށީގެންނުވާ ގިނަ އަދަދަކަށް ބޮޑެތި މުސާރައާއި އެކު މުވައްޒަފުން އައްޔަނުކޮށް ސަރުކާރުގެ އިދާރާތަކަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރަމުން ކަމުގައި ދަންނަވަން." މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ ބޮޑު މުސާރަލިބޭ މަގާމުތަކަށް މީހުން އިތުރުކުރި ނަމަވެސް ސަރުކާރުން ގެންދަނީ އާދައިގެ ވަޒީފާތަކުގައި އުޅޭ މީހުން މަގާމުން ވަކިކުރަމުން ކަމަށާއި އެއީ އެމްޑީޕީން ކަންބޮޑުވާ ކަމެއް ކަމަށެވެ.

މައުރޫފްގެ މި މައްސަލަ ތަޅުމުން ބޭރުކޮށްފައިވަނީ ޖަލްސާއަށް ވަޑައިގެެން ތިއްބެވި 57 މެމްބަރުންގެ ވޯޓާ އެކުއެވެ. މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 12 މެމްބަރުންނެވެ.

އިއްޔެގެ ޖަލްސާއަށް އެމްޑީޕީން ހުށައެޅި ކުއްލި މައްސަލަވެސް ވަނީ ތަޅުމުން ބޭރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން