ގަވައިދާ ހިލާފަށް ރީޓެއިލް ވިޔަފާރިކުރާ ބިދޭސީއަކާއި އޭނާއާއެކު މަސައްކަތް ކުރި ބަޔަކު އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، މާލޭގައި އެކިއެކި ކުދި ރީޓެއިލް ފިހާރަތައް ފުޅާދާއިރާއެއްގައި ހިންގަމުންދާ ކަމަށް އިމިގްރޭޝަން އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ބިދޭސީއެއް ހޯދުމަށް ރޭ 23:30 އާއި 00:30 ދެމެދު ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނުން އެ ބިދޭސީ މީހާ އަތުލައިގަތް ކަމަށާއި އަދި އޭނާއާއެކު އެ ސައިޓުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީ ތިން ފިރިހެނަކާއި އެއް އަންހެނަކު ވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ނަމަވެސް އެއީ ކޮން ގައުމެއްގެ ބައެއް ކަމެއް އިމިގްރޭޝަނުން ނުބުނެ އެވެ.

އިމިގްރޭޝަނުން ރޭ ވަނީ ހުޅުމާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިއަ ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ހާއްސަ ޖޮއިންޓް އޮޕަރޭޝަނެއް ފަށާފައިވަނީ ހުސްވި ޖޫންމަހުގެ ފަހު ކޮޅުއެވެ. މި ޖޮއިންޓް އޮޕަރޭޝަންގެ ތެރެއިން ހިފަހައްޓާފައިވާ ބިދޭސީންގެ ތެރެއިން ސައްހަ ހުއްދައެއް ނެތި އަދި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރި ކުރާ ފަރާތްތައް ދެނެގަނެ، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން މި ފަރާތްތައް ރާއްޖެއިން ޑީޕޯރޓްކޮށް ފޮނުވާލެވޭނެކަމަށް މީގެ ކުރިން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން