ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް
ވެރިކަން ކުރުމުގެ ވައްޓަފާޅިއާމެދު އަލުން ވިސްނައި ކަންކަން އިސްލާހުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް މިއަދު ވިދާޅުވެއްޖެއެވެ.

ނާޡިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށްގެން ވެސްޓްމިންސްޓަރ ފައުންޑޭޝަން ފޮރ ޑިމޮކްރަސީން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުން އިފްތިތާޙް ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަަށް ގެންދާ ދެ ދުވަހުގެ މި ޕްރޮގްރާމު އިފްތިތާޙު ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ނާޡިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތާއި، މަޖިލީސް މެދުވެރިކޮށް އަޅުއްވަމުން ގެންދަަވާ އިސްލާޙީ ފިޔަވަޅުތަކާ ބެހޭގޮތުންނާއި މެންބަރުންގެ މަސައްކަތުގައި ރައްޔިތުންނަށް އިސްކަން ދެއްވުމަށާއި، ހަރަކާތްތެރިކަން ދެއްކެވުމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ.

ނާޡިމްގެ ވާހަކަފުޅުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ މެންބަރުންނަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ރައްޔިތުން އައު މެންބަރުންތަކަކާ އައު ޒިންމާތަކެއް ހަވާލުކުރެއްވީ އައު ވިސްނުންތަކަކާއެކު، އެ ޒިންމާތައް އަދާކުރެއްވުމުގެ އުއްމީދުގައި ކަމަށް ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ދިވެހި ރައްޔިތުން ޙަވާލުކުރައްވާފައިވާ ބޮޑު މަސްއޫލިއްޔަތާ ބެހޭގޮތުން ވާހަކަ ދައްކަވަމުން، ނައިބު ރައީސް، އަޙްމަދު ނާޡިމް ވިދާޅުވީ، ހުރިހާ މެންބަރުންވެސް އެ ބޭފުޅުންގެ ޒިންމާތައް އަދާ ކުރެއްވުމުގައި ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދުތައް ފުއްދެވުމަށް އިސްކަން ދެއްވަން ޖެހޭނެ ކަމަށެވެ.

ނާޡިމް ވިދާޅުވީ، އައު ޤާނޫނުއަސާސީގެ ހިޔާވަހިކަމުގައި ދިވެހި ޤައުމު 15 އަހަރު ވޭތިކޮށްފައިވާ ކަމަށާއި، މި އަހަރުތަކުގައި ޤާނޫނުއަސާސީ ތަންފީޒުކުރުމުގައި ކާމިޔާބީ ޙާސިލުކޮށްފައިވާ މިންވަރާއި ދައުލަތުން ކޮށްފައިވާ ހޭދައާމެދު ވިސްނުން ހިންގަން ޖެހޭކަމަށެވެ. އެގޮތުން މިއަދުގެ ޙާލަތަށް ބައްލަވާލައްވަމުން މާލީ ޒިންމާދާރުކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އަޅަންޖެހޭ ބައެއް އިސްލާޙީ ފިޔަވަޅުތަކަށް ވެސް ނާޡިމް އަލިއަޅުއްވައި ލެއްވިއެވެ.

"އަޅުގަނޑުމެން ވެރިކަން ކުރުމުގެ ވައްޓަފާޅިއާމެދު އަލުން ވިސްނައި، ބަދަލުތައް ގެނަސް، ކަންކަން އިޞްލާޙުކޮށް، ބައެއް ކަންކަން އަލުން މުރާޖަޢާ ކުރަން ޖެހޭ." މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޡިމް ވިދާޅުވިއެވެ.

ނާޡިމް ވަނީ މެންބަރުންގެ މަސައްކަތުގައި ރައްޔިތުންގެ އަޑުތައް އެއްސެވުމަށް ބާރުއަޅުއްވައި، ގާނޫނުތައް ހެދުމުގެ މަސައްކަތުގައި ރައްޔިތުންގެ ވިންދާއި އިޙުސާސްތަކަށް ރިއާޔަތް ކުރެއްވުމުގެ މުހިންމު ކަންވެސް ފާހަގަ ކުރައްވާފައެވެ.

އަދި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގައި ނަޒާހަތްތެރިކަމާއި، އަމިއްލައަށް ޖަވާބުދާރީ ވުމާއި ޖަވާބުދާރީ ކުރުވުމާއި ތިންބާރު ވަކިވެފައިވާ ނިޒާމެއް ދެމެހެއްޓުމުގެ މުހިންމު ކަމަށްވެސް އަލިއަޅުއްވައި ލެއްވިއެވެ.

ހަމައެއާއެކު ކޮމިޓީތަކުގެ މަސައްކަތްތައް ހަރުދަނާކޮށް، ފާރަވެރިވުން ދަމަހައްޓައި، ކަންކަން ނިންމުމުގައި އާންމު ރައްޔިތުންގެ ބައިވެރި ކުރުވުން އިތުރުކުރުމަށާއި ޢިލްމީ ދިރާސާގެ އަލީގައި ނިންމުންތައް ނިންމުމަށާއި، ހަރުދަނާ މަދަނަވެށި މަޝްވަރާތަކުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގައި މެންބަރުންގެ ދައުރު މިހާރަށް ވުރެން ބޮޑަށް ފުޅާކުރުމަށްވެސް ނާޡިމް ބާރުއެޅުއްވިއެވެ.

ނާޡިމް ވަނީ، ރައްޔިތުންގެ މަޖިލީހުގައި ޑިމޮކްރެޓިކް އަގުތައް ދެމެހެއްޓުމަށާއި ގައުމީ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ރިއާޔަތް ކޮށްދެއްވުމަށްވެސް މެންބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ. އެކުވެރި މާހައުލެއްގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެން، ޕާޓީތަކުގެ ޚިޔާލު ތަފާތުވުންތަކުން ޢިއްޒަތްތެރި މެންބަރުން އެއްކިބާވެ ތިއްބަވައިގެން ނަތީޖާ ނެރެދެއްވުމަށްވެސް އެދިވަޑައިގަތެވެ.

"އަޅުގަނޑުމެން ކުރިއަށް ދާންޖެހޭނީ ޙަޤީޤީ މާނައިގައި ރައްޔިތުންގެ އިޙުސާސްތަކާއި އުންމީދުތައް ތަމްސީލުކުރާ މަޖިލީހެއް ދެމެހެއްޓުމަށް މަސައްކަތް ކުރަމުން." މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޡިމް ވިދާޅުވިއެވެ.

ވެސްމިންސްޓަރ ފައުންޑޭޝަން ފޮރ ޑިމޮކްރަސީން ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގައި މެންބަރުން މަސައްކަތް ކުރެއްވުމުގައި ފާހަގަކޮށްލެވޭ ގިނަ ދާއިރާތަކުން މަޢުލޫމަތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން