ދިވެހި އެކައުންޓަންޓުން އުފެއްދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފިނޭންސް މިނިސްޓަރ ޑރ. މުހައްމަދު ޝަފީޤު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެކައުންޓަންޓުންނަކީ ބޮޑު އާމްދަނީއެއް ލިބޭ ބައެއް ކަމަށާއި ރާއްޖޭގައިވެސް އިންކަމް ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކަނީ އެކައުންޓަންޓުން ކަމަށެވެ.

އެގޮތުން ދިވެހި އެކައުންޓަންޓުން އުފެއްދުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން ގިނަ ސްކޮލަރޝިޕްތަކެއް މި ދާއިރާއިން މިހާރުވެސް ހުޅުވާލާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، ދިވެހި އެކައުންޓަންޓުން ރާއްޖެއިން ބޭރުގެ ކުންފުނިތަކުގައި މަސައްކަތްކޮށް އާމްދަނީ ހޯދާތަން ދެކިވަޑައިގަންނަވަން ބޭނުންވާކަމަށެވެ.

ޗާޓާޑް އެކައުންޓެންޓުން ތަމްރީނު ކުރަން މި މަހު ވަނީ 100 ފުުރުސަތު ހުޅުވާލައިފަ އެވެ.

އެއީ ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ މީހުންނަށް ހުޅުވާލި 50 ފުރުސަތާއި އަމިއްލަ އިދާރާތަކުގައި މަސައްކަތް ކުރާ މީހުންނާއި ވަޒީފާގައި ނޫޅޭ މީހުންނަށް ހުޅުވާލި 50 ފުރުސަތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން