އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކި ކުރީ ނޫން ކަމަށާއި މަގާމުން އިސްތިއުފާ ދެއްވީ ކަމަށް އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ބައްސާމު އާދަމް ވިދާޅުވެއްޖެ އެެެވެ.

ބައްސާމް އެމްއެމްޕީއާރުސީން ވަކި ކުރިކަމަށް އެނގިފައިވަނީ އިއްޔެ އެވެ.

ނަމަވެސް އޭނާ އެކްސްގައި ވިދާޅުވީ މަގާމުން ވަކިވެވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރަދުކުޑަކުރުމުގެ ސިޔާސަތުތަކަށް ޖާގަދެއްވުމުގެ ގޮތުން ކަމަށެވެ.

އެމްއެމްޕީއާރުސީގައި ކުރެވުނު މަސައްކަތްތަކާ މެދު ފަހުރުވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތުހުމަތު ތަކަކާ ގުޅިގެން މިދިޔަ އޭޕްރީލް މަހު އޭނާ ވަޒީފާއިން ސަސްޕެންޑް ވެސް ކުރި އެވެ. އެހެން ނަމަވެސް ފަހުން ސަސްޕެންޝަން އުވާލައި ވަޒީފާއަށް ނެރުނެވެ. އަދި މިދިޔަ މޭ މަހު ވަގުތީ ގޮތުން އެމްއެމްޕީއާރުސީ ހިންގަން ވެސް ބައްސާމްއާ ހަވާލުކުރި އެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް، އިޝްތިހާރުކުރުމުގެ މަސްއޫލިއްޔަތު އޮންނަ އެމްއެމްޕީއާރުސީ ފަހަކަށް އައިސް އޮތީ ބޮޑެތި މައްސަަލަތަކެއްގެ ތެރޭގަ އެވެ.

އެގޮތުން މިދިޔަ މޭމަހު އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނުރައިން ޖަނާހު ވަނީ ކުއްލި ގޮތަކަށް އެމަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އަދި ހަމަ މޭ މަހު އެމްއެމްޕީއާރުސީ ބޯޑުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ، މަޓީ ތަމްސީލު ކުރައްވަމުން ގެންދެވި މެމްބަރު ރާފިލް ވެސް އިސްތިއުފާ ދެއްވި އެވެ.

ހަމަ މިދިޔަ މޭ މަހު އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމުން ފާތިމަތު ތައުފީގު ވަނީ ވަކިކޮށްފައެވެ.

އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމުގައި މިހާރު ހުންނެވީ އިބްރާހިމް ޝިއުރީ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ މިދިޔަ މަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން