158 މީހުން ބައިވެރިވެގެން ރާއްޖޭގެ އަމިއްލަ ކުންފުންޏެއްގެ އެކައުންޓުން 1.9 މިލިއަން ރުފިޔާ ފޭރިގަނެ ސްކޭމެއް ހިންގާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ޑިޕާޓްމެންޓްގެ އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު މިއަދު ވިދާޅުވީ މި ސްކޭމް ހިންގީ ރަސްމާލެ މަޝްރޫއުއަށް ބައެއް ތަކެތި ސަޕްލައިކޮށްދޭން ބުނެ ކަމަށާއި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރީ ޕެރޯލްގެ ދަށުން ޖަލުން ދޫކޮށްފައި ހުރި މީހެއް ކަމަށެވެ.

މިދިޔަ މަހު ހިންގާފައިވާ 1.9 މިލިއަން ރުފިޔާގެ މި ބޮޑު ސްކޭމްގައި، އެ ކުންފުނީގެ އެކައުންޓުގައި ހުރި ފައިސާ އިން 70 ޕަސެންޓް ވަނީ ފޭރިގެންފަ އެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ ހުށަހެޅިފައިވަނީ ޖޫން 18 ވަނަ ދުވަހު ކަމަށާއި، މިކަން ހިނގިއިރު ކުންފުނި އެކައުންޓުގައި 2.6 މިލިއަން ރުފިޔާ ހުރި ކަމަށެވެ.

ނަވީދު ވިދާޅުވީ މި ސްކޭމަށް ހޭދަވެފައިވަނީ ގާތްގަނޑަކަށް ދިހަވަރަކަށް މިނެޓް ކަމަށާއި މި ސްކޭމުން ފައިސާ ޖަމާވި މީހުންގެ ތެރޭގައި ޖަލު އޮފިސަރުންވެސް ހިމެނޭ ކަމަށެވެ.

ހަމައެއާއެކު މި ސްކޭމް ހިންގުމަށްޓަކައި ކުންފުނީގެ ހިއްސާދާރެއްގެ މެއިލް ހެކްކޮށް، ކުންފުނީގެ ބޭންކް އެކައުންޓުގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާތައް ނަގަމުން ދިޔައިރު ވެސް ކުންފުނީގެ ހިއްސާދާރު ގެންދިޔައީ ސްކޭމަރާ ވަޓްސްއެޕުން ވާހަކަ ދައްކަމުން ކަމަށް ނަވީދު ވަނީ ވިދާޅުވެފައެވެ.

ނަވީދު ވިދާޅުވީ ކުންފުނީގެ އެކައުންޓުން ފައިސާ މަދުވެފައިވާކަން ފާހަގަވެ އެކައުންޓް ބްލޮކްކުރި އިރު، އެކައުންޓުގައި ބާކީ ހުރީ އަށް ލައްކައެއްހާ ރުފިޔާ ކަމަށެވެ. ކުންފުނީގެ އެކައުންޓުން ނެގި ފައިސާ ގާތްގަނޑަކަށް 50 އެކައުންޓަކަށް ޖަމާކޮށްފައިވާއިރު ބައެއް އެކައުންޓްތަކުން އޭޓީއެމް މެދުވެރިކޮށް ވަނީ ފައިސާ ނަގާފައެވެ.

މި މައްސަލައާ ގުޅިގެން، ތަހުގީގުގެ ފުރަތަމަ 72 ގަޑިއިރު ތެރޭގައި ފައިސާ ޖަމާވި 50 އެކައުންޓް ނިސްބަތްވާ މީހުންގެ ތެރެއިން 80 ޕަސެންޓް މީހުން ހޯދައި، އެމީހުންނާ ސުވާލުކޮށް ލައްކައެއްހާ ރުފިޔާ ހޯލްޑްކުރި ކަމަށާއި މިހާތަނަށް ފަސް ލައްކައެއްހާ ރުފިޔާ ހޯދާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ފައިސާ ފައިނޭންޝަލް ސިސްޓަމްގެ ތެރެއިން ބޭރުކުރުމުގައި 6 އަތޮޅެއްގެ 12 ރަށަކުން 158 މީހުން އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މައްސަލައިގެ ތަހުގީގަށް 60 މީހަކު ބަލައިފާސްކޮށް ސުވާލުކޮށްފައިވާއިރު 57 އެކައުންޓެއް ވަނީ ފްރީޒްކޮށްފަ އެވެ. ނަމަވެސް، މި މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ ޕްރޯލްގެ ދަށުން ދޫކޮށްލާފައިވާ މީހެއް އެކަނިކަމަށް ފުލުހުން މިއަދު ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން