ސްކޫލް އަޅަން ބިން ހަމަޖެއްސި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސްކޫލް އަޅަން ބިން ހަމަޖެއްސި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މަދީނާ އިންވެސްޓްމަންޓްގެ ސްކޫލް އަޅާ ބިން ހަމަޖެހުނީ ކުރީ ސަރުކާރުގައި ކަމަށް ވިދާޅުވެ މިހާރުގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ޢަލީ ސަޢީދު ފާޑުކިޔުންތަކަށް ރައްދު ދެއްވައިފިއެވެ.

އެގޮތުން ޑރ. ޝަހީމްގެ މަސްލަޙަތު އޮތް ކުންފުންޏަކަށް ހުޅުމާލޭގައި ސްކޫލެއް އެޅުމަށް ބިމެއް ހަމަޖައްސާދީފައިވާ ކަމަށްބުނެ މީސްމީޑިއާގައި ފަތުރަމުންދާ ވާހަކަތަކުގެ ޙަޤީޤަތް ޑރ. ޝަހީމް އިއްޔެ ވަނީ މީސްމީޑިއާގައި ތިލަކޮށްދެއްވާފައެވެ.

ޑރ. ޝަހީމް ވިދާޅުވީ މަދީނާ އިންވެސްޓްމަންޓްގެ ސްކޫލް އަޅަން ބިން ހަމަޖެއްސީ އެޗްޑީސީގެ ކުރީގެ މެނޭޖްމަންޓުން ކަމަށެވެ. އަދި ސްކޫލްގެ ބިމުގެ ފްރޭމްވޯކް އެގްރީމެންޓްގައި ސޮއިކުރީވެސް އެޗްޑީސީގެ ކުރީގެ މެނޭޖްމަންޓުން ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ސްކޫލްގެ ޑިޒައިން އެޕްރޫވްކުރީ ކުރީގެ އެޑިއުކޭޝަން މިނިސްޓްރީން ކަމަށާއި މި މަޝްރޫޢުގެ ޕްރޮޕޯސަލްގެ މަސައްކަތުން ފެށިގެން ކަންކަން ކުރިއަށްދާތާ 3 އަހަރު ވެފައިވާކަން ޑރ. ޝަހީމް ފާހަގަ ކުރަށްވާފައިވެއެވެ.

“ނުޙައްޤުން ބިމެއް ހޯދިކަމަށް ބުނެ އަޅުގަނޑާ ގުޅުވައިގެން ދޮގުވާހަކަތައް ނުފެތުރުމަށް އެދެން. ތެދު ޙަޤީޤަތުގެ މައްޗަށް ވާހަކަ ދެއްކުމަށް އެދެން. ދޮގު ވާހަކަތައް ފެތުރުމަކީ ނަފްރަތު އުފެދި މުޖުތަމަޢު ބައިބައި ވެގެން ހިގައިދާނެކަމެއް. ބިނާކުރަނިވި ޚިޔާލަށް މަރުޙަބާ ކިޔާނަން.” ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

ޑރ. ޝަހީމް ވިދާޅުވީ 2023ގައި ސަރުކާރު ބަދަލުވުމަށް ފަހު އެ އެގްރީމެންޓަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށާއި ބިމަކީ ކުލި ދައްކާގޮތައް އޮތް ބިމެއް ކަމަށެވެ. އަދި ބިމުގެ އަރިމަތީގައި ބިނާކުރާ މިސްކިތަކީ ދެހާހެއްހާ މީހުންނަށް ނަމާދު ކުރެވޭ ގޮތައް ލައިބްރަރީއަކާއެކު 2 ބުރިއަށް އަޅާ މިސްކިތެއް ކަމަށްވެސް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.



ޑރ. ޝަހީމް މިހެން ވިދާޅުވެފައިވީ ނަމަވެސް އެޗް.ޑީސީގެ މިހާރުގެ މެނޭޖްމަންޓުން މިއަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހު ބުނެފައިވަނީ ހުޅުމާލޭގައި ސްކޫލެއް ތަރައްގީކުރުމަށް އަލްމަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއިއެކު އެޗްޑީސީން އެދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެގޮތުން އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ކަމަށާއި އަލްމަދީނާ އިންވެސްޓްމެންޓް ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަލީ އަހްސަން ކަމަށްވެސް އެޗްޑީސީން އެދުވަހު މީޑިއާ އަށް މަޢުލޫމާތު ޙިއްސާ ކޮށްފައިވެއެވެ.



އެޗްޑީސީން ބުނީ މިއެއްބަސްވުމުގެ ދަށުން ތަރައްގީކުރާ ސްކޫލްގައި އެއް އަހަރާއި ހަމަސް ތެރޭގައި ޕްރީސްކޫލްގެ ދަރިވަރުންނަށް ކިޔަވައި ދެވޭނެކަމަށެވެ. އަދި އެއަށްފަހު ގްރޭޑް 1 އިން 10 ގެ ދަރިވަރުންނަށް ކިޔަވައިދެވޭ ފެންވަރަށް އަދި އޭގެ އިތުރުން މަތީ ތައުލީމު އުނގަންނައިދެވޭ ފެންވަރަށް މި ސްކޫލް ތަރައްގީ ކުރެވިގެންދާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ސްކޫލުގެ އިތުރުން ހުޅުމާލެ ރެޑްވޭވް ސިޓީ ސްކޮއަރ ކައިރީގައި ހުންނަ ވަގުތީ މިސްކިތް ވެސް ތަރައްގީކުރެވިގެންދާނެ ކަމަށާއި މި މިސްކިތް ތަރައްގީ ކުރެވިގެންދާނީ، ސްކޫލާއި މިސްކިތާއި ގުޅިގެންދާ ގޮތަށް ކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން