ނުއަގުގައި ދޯންޏެއް ހިފި ކަމަށް ބުނެ ސޯޝަލް މީޑީޔާގައި ފަތުރަނީ ދޮގު ވާހަކައެއް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ކުންފުންޏަށް ނުއަގުގައި ދޯންޏެއް ހިފި ކަމަށް ބުނެ ސޯޝަލްމީޑިޔާގައި ފަތުރަމުންދާ ވާހަކަތައް ދޮގުކޮށް ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުނިން އެކި ތާރީހުތަކުގައި ތަފާތު ބޭނުންތަކަށް ކޮށްފައިވާ މުއާމަލާތްތަކެއްގެ ލިޔެކިޔުންތަކުން ބައެއް ނަކަލުކޮށް، އެއީ އެއްކަމަކަށް ކޮށްފައިވާ އެއް މުއާމަލާތެއް ކަމަށް ދައްކަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފެނަކައިން ބުނީ، އެފަދަ ވާހަކަތައް ސޯޝަލްމީޑިޔާގައި ފަތުރަނީ، ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ޕްރޮކިއުމެންޓް މުއާމަލާތްތައް ހަރުދަނާކޮށް، ކުންފުންޏަށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، ކުންފުނިން ހިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ އިތުބާރު އަލުން ހޯދުމަށް ކުރާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.

ފިތުނަވެރި އަޑުތަކާއި ވާހަކަތައް ބޭނުންކޮށްގެން، ކުންފުނީގެ ސާފުވަމުންދާ ނަން ކިލަނބު ކުރުމަށް ބައެއް ފަރާތްތަކުން ކުރަމުން އެދަނީ ނާތަހުޒީބު ކަމެއް ކަމަށާއި، އެއީ ޒިންމާދާރުކަން ކުޑަ އަދި މުޖުތަމައު ފަސާދަ ކުރުމަށް ކުރިއަށް ގެންދާ ކަމެއް ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކަ އަކީ ރާއްޖޭގެ 157 ރަށެއްގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތްތައް ފޯރުކޮށްދެމުންދާ ކުންފުންޏެއްކަން ފާހަގަކޮށް ފެނަކައިން ބުނީ، ހިދުމަތްތަކަށް ބޭނުންވާ އަސާސީ ތަކެތިވެސް ރަށްރަށުން ލިބެން ނުހުންނަ ކަމަށެވެ. އެހެންކަމުން ކަންކަމަށް ބޭނުންތާ ތަކެތި އެއް ރަށުން އަނެއް ރަށަށް އަދި މާލެއިން ރަށްރަށަށް ފޮނުވުމަކީ ކުންފުނިން ދުވަހުން ދުވަހަށް ކުރާ މުހިންމު މަސައްކަތެއް ކަމަށެވެ.

މީގެއިތުރުން ފެނަކައިން ބުނީ، ފާއިތުވި ތަނުގައި ވަކި ދަތުރުތަކަށް ދޯނިފަހަރުނަގައި، މަހެއްގެ މައްޗަށް ދަތުރުތަކަށް އެވްރެޖްކޮށް ހަތް މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމުން ބަޔަކު ނާޖާއިޒު ފައިދާތަކެއް ނަގާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ކުންފުންޏަށް އެންމެ ފައިދާ ހުރި ގޮތެއްގައި ދަތުރުތައް ކުރަން ފެށުމުން، ކުރިން އެކަމުން ނާޖާއިޒު ފައިދާ ނެގި ފަރާތްތަކުން ފަސާދަ އުފެއްދުމަށް މަސައްކަތް ކުރާ ކަމަށްފެނަކައިން ބުނެފައި ވެއެވެ.

ފެނަކަ ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް ފެނަކައިން ބުނީ ފިތުތަ ފަސާދަ ކުރުމަށް ކުރާ މަސައްކަތްތަކަށް ސަމާލުވުމަށް އެދޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން