ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދަ ޑިމޮކްރެޓްސް އާއި ގުޅިވަޑައިނުގެންނެވީ، ހިޔާލު ތަފާތުވިޔަސް ޕާޓީ ދޫކޮށްލުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ދެކިވަޑައިނުގަންނަވާތީ ކަމަށާއި ޕާޓީގެ ތެރޭގައި ވަރަށް ބޮޑަށް ނަސްލީ ތަފާތުކުރުންތައް އޮތްކަމަށް ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ހަލީމް (ދޮންބިލެއް) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ދޮންބިލެއް އިއްޔެ ވަނީ އެމްޑީޕީގެ ތެރޭގައި ޖެހުނު މައްސަލަތަކަށް އަލިއަޅުވާލައްވާފައެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީ ދެބައިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި ރައީސް ނަޝީދު އިސްވެ ޕާޓީއެއް އުފެއްދެވި ނަމަވެސް، އެ ޕާޓީއާއި ގުޅިވަޑައިގެންނެވުމަށް ނުނިންމެވީ، ހިޔާލު ތަފާތުވެ އަދި އެކި މައްސަލަތައް ޕާޓީގެ ތެރޭގައި ދިމާވި ނަމަވެސް ޕާޓީ ދޫކޮށްލާފައި ދިޔުމަކީ ރަނގަޅުގޮތް ކަމަށް ގަބޫލު ނުކުރެވޭތީކަމަށެވެ.

ދޮންބިލެއް ވިދާޅުވީ، ޕާޓީގެ ތެރޭގައި ވަރަށް ބޮޑަށް ނަސްލީ ތަފާތުކުރުންތައް އޮތްކަމަށާއި ކަންކަން އޭރު ހިނގަމުން އައީ ރަނގަޅަށް ނޫންކަމަށެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވީ އޭރު ތިބި އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރޭގައި ވެސް ތިން ދަރަޖައެއްގެ މެންބަރުން ތިބޭ ކަމަށާއި 11 ވަރަކަށް މެންބަރުންގެ ވަކި ވައިބަރ ގުރޫޕެއް ވެސް އޮތްކަމަށެވެ. އަދި ތަންކޮޅެއް ދަށްކޮށް ތިބޭ މެންބަރުންނަށް ކަމެއް ކުރެވެނީ ވެސް އެ "އެލީޓް" މެންބަރުން މެދުވެރިކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެކަންކަން އެހެން ހުރުމުން ކެތް ނުކުރެވުނު މެންބަރުން އެމްޑީޕީން ވަކިވީ ކަމަށާއި، ނަމަވެސް އޭނާގެ އެ ހިތްވަރު ހުރުމުން ވިސްނީ އެމްޑީޕީގައި ހުރެގެން ޕާޓީ އިސްލާހު ކުރުމަށް މަސައްކަތް ކުރުމަށްކަމަށް ދޮންބިލެއް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ޑިމޮކްރެޓްސްއަށް ސޮއި ކުރުމަށް ރައީސް ނަޝީދު ވަޑައިގަންނަވަމުން ވެސް އޭނާއަށް ގުޅުއްވި ކަމަށާއި އަދި ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ މެންބަރުން ވެސް އެކި ފަހަރުމަތިން ޑިމޮކްރެޓްސް އާއި ގުޅުމަށް އެދުނު ކަމަށެވެ.

ނަމަވެސް، އެމްޑީޕީއަކީ ވަރަށް ގިނަ ބައެއްގެ ވަރަށް ބުރަ މަސައްކަތުން އެ ހިސާބަށް ގެނައި ޕާޓީއެއްކަމަށް ވެފައި، އެ ޕާޓީގެ ހަމަތަކާއި އުސޫލުތައް އުވާލާފައި އޮތްނަމަވެސް ޕާޓީ ދޫކޮށްލާ އެހެން ޕާޓީއަކަށް ގުޅެން ބޭނުން ނުވީކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ދޮންބިލެއް ވަނީ ރައީސް ނަޝީދާއި ރައީސް ޞާލިޙާއި ދެމެދު ދިމާވި މައްސަލައާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، އެ މައްސަލަތައް ފެށުނީ ރައީސް ނަޝީދު އެމްޑީޕީގައި ހުންނަން ބޭނުން ނުވާ ބަޔަކު އެމްޑީޕީގެ އިސްސަފުގައި މަސައްކަތް ކުރަން ފެށުމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން