ފުލުހުން ކްރައިމް ޒޯނެއް ބަންދުކޮށްފައި.
ފުލުހުން ކްރައިމް ޒޯނެއް ބަންދުކޮށްފައި.
މާލޭ ކްލާސާ ފިހާރާގައި ހިންގި މާރާމާރީގައި ސ.ހިތަދޫ، އިޒުމީރު، އަހުމަދު މުހައްމަދު ދީދީ (ނައުޝާދު) ނިޔާވުމާ ގުޅިގެން، ދަޢުލަތުން ދެމީހެއްގެ މައްޗަށް އުފުލާފައިވާ ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލާގައި ދައުލަތުން ހަތް ހެކިވެރިއެއް ހުށަހަޅަން ނިންމާފައިވާއިރު ހެކިވެރިންގެ ހެކިބަސް ނަގާއިރު އެމީހުންނަކީ ކޮން ބައެއްކަން ނޭނގޭހެން އޮންލައިންކޮށް ހެކިބަސް ނަގައިދިނުމަށް ދައުލަތުން މިއަދުވަނީ ކޯޓުގައި އެދިފައެވެ.

އަދި މައްސަލައާ ގުޅިގެން ފުލުހުން ތައްޔާރުކޮށްފައިވާ ތަހުގީގު ރިޕޯޓު ދޫކުރާއިރު ތަހުގީގު ރިޕޯޓުގައި ހިމެނޭ ހެކިވެރިންގެ ބަޔާންތައް އުނިކުރުމަށްވެސް ދައުލަތުން އެދިފައިވެ އެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ޤާޟީ އައިޝަތު ނުޒުހާ ވަނީ ދަޢުލަތުން އެދުނު ގޮތަށް ދަޢުވާތައް ސާބިތުކުރުމަށް ހުށައަޅާފައިވާ ހެކިން ސިއްރު ކުރުމުގެ އަމުރެއް ނެރެދީފައެވެ.

ޤާޟީ މިއަމުރު ނެރެދީފައިވަނީ ދަޢުލަތުގެ ހެކިވެރިންނަަށް ބިރުދައްކައި ޖިސްމާނީ ގެއްލުމެއް ދިނުމުގެ ފުރުސަތު އޮތްކަމަށް ޝަރީއަތަށް ގަބޫލުކުރެވޭތީއެވެ.

ނައުޝާދު ނިޔާވެފައިވަނީ 24 ފެބްރުއަރީ 2023 ވަނަ ދުވަހު 21:30 ހާއިރު ކ. މާލެ، މާފަންނު މުރަނގަ މަގުގައި ހުންނަ "ކްލާސާ" ފިހާރަ ތެރެއަށް ބަޔަކު މީހުންވަދެ ތޫނު ހަތިޔާރުން ހަމަލާދީ އޭނާ ޒަޚަމްކޮށްލުމާ ގުޅިގެންނެވެ.

އެގޮތުން އެ ޙަމަލާގައި ލިބުނު ޒަޚަމްތަކުގެ ސަބަބުން މުޙައްމަދު އަޙްމަދުދީދީއަށް ލިބުނު އަނިޔާތަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވެފައިވާ ކަމަށް ޕީޖީއޮފީހުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު އާއި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުޙާން ޢަލީގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ.

ކްލާސާ ފިހާރަ ތެރޭގައި ހިންގި މާރާމާރީގެ މަންޒަރު ދުށް ބައެއް މީހުން ބުނީ އެ ފިހާރަ ތެރެއަށް މުޙައްމަދު އަޙްމަދުދީދީ ވަނީ ބަޔަކު މީހުން އޭނާ ހޯދަން އަންނާތީ ފިލަންވެގެން ކަމަށެވެ. ނަމަވެސް އެ ފިހާރައަށް ވަނުމުން ސައިކަލެއްގައި އައި ދެ މީހަކު ވަދެ ވަޅިން ހަމަލާ ދިނީ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެމައްސަލާގައި ވިދާޅުވީ، އެ މާރާމާރީ އަކީ މާލޭގެ ދެ ގޭންގަކަށް ނިސްބަތްވާ ދެ މީހެއްގެ ދެމެދުގައި 2023 ވަނަ އަހަރުގެ ކުރީކޮޅު ޖެހުނު މައްސަލައަކާ ގުޅިގެން ހިންގި މާރާމާރީއެއް ކަމަށެވެ. އެގޮތުން އެއީ ކުޑަހެންވޭރޭ' ކިޔައިގެން އުޅޭ ބަޔަކާއި 'އެންސީ' އޭ ކިޔައިގެން އުޅޭ ބައެއް ހިންގި މާރާމާރީއެއް ކަމަަށް ހަމީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން