މާލޭ ދާއިރާގެ އެމްޑީޕީ ރައީސް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމާއި ކުރީގެ މާފަންނު ހުޅަނގު ދާއިރާގެ މަޖިިލިސް މެމްބަރު މުހައްމަދު ފަލާހު ކުރިމަތިލައްވައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ހުސްވެފައިވާ 30 ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވެ، ކެންޑިޑެސީ ލިސްޓް އާއްމުކޮށްފައި ވާއިރު، އޭގައި ވާގޮތުން މާލޭ ދާއިރާގެ ރައީސްކަމަށް ވާދަ ކުރައްވަނީ ދެ ބޭފުޅުންނެވެ.

މި މަގާމަށް ވާދަ ކުރުމަށް އެޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކުވެސް ފޯމު ހުށަހެޅުއްވިއެވެ. ނަމަވެސް ޕާޓީން މޫސަގެ ކެންޑިޑެސީ ބަލައިނުގަނެ އަނބުރާ ފޮނުވާލީއެވެ. އެ ޕާޓީން މޫސައަށް ފޮނުވި ލިޔުމުގައި ވަނީ، އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށަހެޅި މޫސަގެ މައްސަލަ ބެލުމަށް ފަހު، އެ ޕާޓީން އޭނާ ވަކިކުރުމަށް ނިންމި ނިންމުމުގައި، އޭނާ އަލުން އެ ޕާޓީއަށް ވަދެވަޑައިގެންފިނަމަ، އެ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހަށް އެމްޑީޕީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވެސް ވާދަނުކުރެވޭ ގޮތަށް ނިންމާފައިވާ ކަމަށް ބަޔާން ކޮށްފައެވެ.

މޭޔަރު އާޒިމް އެމްޑީޕީ މާލެ ރައީސްކަމަށް ކުރިމަތި ލެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އުފާވެރި އަދި އެކުވެރި ބަދަހި ސަފުތަކެއް ރޭވުމުގެ އަޒުމާއެކު، ތަރުތީބުކުރުމުގެ ޤާބިލުކަން ހުރުމާއި، ހިތާއި ރޫހުން މަސައްކަތް ކުރެވޭނެކަމަށް ޤަބޫލުކުރެވޭތީ، އެ މަޤާމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

ރާއްޖޭގެ މިހާރުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީން ބުނީ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ އޮގަސްޓު މަހުގެ ދެވަނަ ދުވަހުގައި ކަމަށެވެ.

ދާއިރާތަކުގެ ގޮނޑިތަކުގެ ބައި އިލެކްޝަނެއް ބާއްވަން ޖެހިފައިމިވަނީ، ދާއިރާތަކަށް އިލެކްޝަންސް ކޮމިޝަނުން ގެނެސްފައިވާ ބަދަލުތަކާއި އަދި އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސްއަށް ގިނަ އަދަދެއްގެ މެންބަރުން ގޮސްފައިވާތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން