މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: މަޖިލީހުގެ އިދާރާ
މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: މަޖިލީހުގެ އިދާރާ
18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި ކަންކަން ހިނގި ގޮތަށް މިހާރު ހިނގަމުންދާ މަޖިލީހުގައި ކަންކަން ހިނގުމުގެ ފުރުސަތު ނުދިނުމަށް މަޖިލީހުގެ ރައީސްގެ އަރިހުން އެމްޑީޕީން އެދިއްޖެއެވެ.

އެމްޑީޕިން މިކަމަށް އެދިފައިވަނީ މިއަދު މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އާއިއެކު ބޭއްވި ބައްދަލުވުމެއްގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ތެރޭގައެވެ.

މި ބައްދަލުވުމުގެ ތަފުސީލު ހާމަ ކުރަމުން އެމްޑީޕީން ބުނެފައިވަނީ، މަޖިލީހުގައި މައިނޯރިޓީ ޕާޓީގެ ހައްގުތައް ހިމާޔަތްކޮށް، ވީހާވެސް ފުޅާކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ކަށަވަރުކޮށްދިނުމަށް މަޖިލީހުގެ ރައީސްގެ އަރިހުން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް އެދިވަޑައިގެންނެވި ކަމަށެވެ.

އަދި، މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާއިރު 18 ވަނަ މަޖިލީހުގައި ކަންކަން ހިނގައިދިޔަ ގޮތަށް ކަންކަން ހިނގަން ފުރުސަތު ނުދިނުމަށް އެމްޑީޕީގެ ފަރާތުން އިލްތިމާސް ކޮށްފައިވާނޭކަމަށް ވެސް ވަނީ ބުނެފައެވެ.

އެމްޑީޕީން އެގޮތަށް އެދިފައިވާއިރު، 18 ވަނަ ރައްޔިތުންގެ މަޖިލީސް ފާހަގަ ކުރެވުނީ މަޖިލީހުގެ މެންބަރުންނަށް އެކި ތުހުމަތުތައްކޮށް މެންބަރުންނަށް ދައުވާކުރެވި އެ މެންބަރުންގެ ގޮނޑި ގެއްލި އަދި ބައެއްފަހަރު ސިފައިން ބޭނުންކޮށްގެން މަޖިލީހުގެ އިދާރާއިން މެންބަރުން ބޭރުކުރުންފަދަ މީގެ ކުރިން މަޖިލީހުގައި ހިނގާފައި ނުވާފަދަ ބީރައްޓެހި އެތައްކަމެއް ހިނގި މަޖިލީހެއްގެ ގޮތުގައެވެ. އޭރު މަޖިލީހުގެ މެޖޯރިޓީ އޮތީ އޭރު ވެރިކަމުގައި އޮތް ޕީޕީއެމް އަތުގައެވެ.

އެމްޑީޕީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ފަރާތުން ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދުގެ އިތުރުން ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ބައިވެރިވެފައިވާއިރު މަޖިލީހުގެ އިދާރާއިން، މަޖިލީހުގެ ރައީސްގެ އިތުރުން ނާއިބު ރައީސް މުޙައްމަދު ނާޒިމް އަދި ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން