ފެނަކައިގެ ފަރާތުން ކަރަންޓްގެ ހިދުމަތްދޭ ރަށްރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރަން މަސައްކަތް ނުކޮށް މިދިޔަ ފަސް އަހަރު އެ ކުންފުނިން މަސައްކަތް ކޮށްފައި އޮތީ ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މުއާޒު މިހެން ވިދާޅުވީ މިރޭ ޕީއެންސީ ޖަގަހައިގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މުއާޒު ވިދާޅުވީ، ކުރީ ސަރުކާރުގައި ފެނަކައިން ބައެއް މަޝްރޫއުތަކާއި ހަވާލުވެފައިވަނީ ފެނަކައަށް އެއިން އެއްވެސް ފައިދާއެއް ނުވާގޮތަށް ކަމަށެވެ. އެހެންކަމުން ކުންފުންޏަށް ފައިދާ ނުވާގޮތަށް އޮތް އެއްވެސް މަޝްރޫއެއް ދެން ކުރިއަށް ނުގެންދާން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަންގައިފިން އިކޮނޮމިކް މިނިސްޓްރީއަށް، އެގްރީމެންޓާއެކު ކުރިއަށް ދާކަށް ބޭނުމެއް ނޫނޭ. ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް އަޅަން އޮތް ކުންފުންޏެއް ނޫނޭ އަޅުގަނޑުމެންނަކީ" މުއާޒު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ، އޭޓީއެމްތައް އެޅުމުގެ މަސައްކަތްތަކާއި ކުންފުނިން ހަވާލުވެފައިވާކަމަށާއި އޭގެ އިތުރުން ބައެއް ރަށްރަށުގައި އައިސް ޕްލާންޓްތައް އެޅުމަށް ފިޝަރީޒް މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްފައި ވެސް އެބަހުރިކަމަށެވެ. ނަމަވެސް ފެނަކަ އަކީ ކޮންސްޓްރަކްޝަން ކުންފުންޏެއް ނޫންކަމަށާއި އެ މަސައްކަތްތައް ވެސް ކުރިއަށް ނުގެންދާނެކަން މިހާރު އަންގާފައިވާނޭކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފެނަކައިގެ މަސައްކަތްތައް ބަލަމުން ދިޔައިރު، އެއްވެސް ތަނަކުން ހަވާލު ނުކުރަނީސް ވެސް ބައެއް ރަށްރަށުގައި އައިސްޕްލާންޓްތައް އަޅަން ފެނަކައިން ނިންމާފައިވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ. އެ ރަށްރަށުގެ ތެރޭގައި ކުރީގެ މެނޭޖިން ޑިރެކްޓަރު ނިސްބަތްވާ ރަށްކަމަށްވާ ގދ. ވާދޫ ވެސް ހިމެނޭކަމަށް މުއާޒު ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ހަގީގަތުގައި ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ވެސް ހަވާލުކުރި ޕްރޮޖެކްޓެއް ނޫނޭ. ފެނަކައިން އަމިއްލައަށް އޭރުގެ މެނޭޖުމަންޓުން މި ނިންމަނީ، ތިމަންނަމެން އަޅާނީ އައިސްޕްލާންޓޭ. އެހާވެސް މުއްސަނދި ކުންފުންޏެކޭ. އެކަމަކު އަޅުގަނޑުމެން މިއުޅެނީ ބަރާބަރަށް ކަރަންޓް ފޯރުކޮށް ނުދެވިގެން" މުއާޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން